މަންޑޭ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކޯޓުން ދޫކޮށްލައިފި

މަންޑޭ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ކޯޓުން ދޫކޮށްލައިފި

Author
ހުސައިން
03 ޖުލައި 2025 02:05
0

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ ބަޔަކަށް ވިއްކި ކަމަށް ތުހުމަތުކުރެވޭ ހަސަން މަމްދޫހު (މަންޑޭ) މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލާފައި ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތު ކުރުމަށްފަހުއެވެ.

މިދިޔަ މަހުގެ 23 ގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ކޯޓުން އަމުރުކުރީ ޝަރީއަތަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ. މަންޑޭ ބަންދުކޮށްފައި ހުރީ ހުޅުމާލޭ ޖަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި މަންޑޭގެ އިތުރުން ޖައިޝާން ސައީދަށް ވެސް ދައުވާ އުފުލައިފައިވެއެވެ. މަންޑޭއަށް 100 އަށްވުރެ ގިނަ ދައުވާ އުފުލާފައިވާއިރު، ޖައިޝާނަށް 98 ދައުވާ އުފުލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގެ ޝަރީއަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ޖުލައި 30 ގައެވެ.

ކޭޕާކް ރެޒިޑެންސް ރަސްމީކޮށް ހުޅުވީ 2016 ގެ ނޮވެންބަރު މަހުގައެވެ. ފުލެޓުތައް ނިންމުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، މިހާތަނަށް އެތަނުގައި ދިރިއުޅެން ފެށިފައެއް ނުވެއެވެ.

ކޭޕާކުގެ މަސައްކަތް ކުރި ހަންބޯ ކުންފުނިން 2023 ގައި ބުނީ، ކުންފުންޏަށް ނޭނގި ގިނަ ބަޔަކަށް މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކާފައިވާ ކަމަށެވެ. މި ކަން ކުރި ކަމަށް ތުހުމަތުކުރަނީ ކުންފުންޏާ ގުޅިގެން މަޝްރޫއު ހިންގި މަންޑޭއަށެވެ.

ފުލުހުން ތަހުގީގު ކުރިއިރު، ހަންބޯ ކުންފުނީގެ ނަމުގައި ފޯޖު ލިޔެކިޔުންތައް ބޭނުންކޮށްގެން އެޕާޓްމެންޓްތައް ވިއްކައި، ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރެއެވެ.

ކޯޓު އަމުރުގެ ދަށުން ހިފަހައްޓި މަންޑޭގެ ޕެންޓްހައުސް ބެލިއިރު، އޭގެ އަގު 7.8 މިލިއަން ރުފިޔާ ކަމަށާއި، އެތަނުގައި ގާތްގަނޑަކަށް 7 މިލިއަން ރުފިޔާގެ މުދާ ހުރި ކަމަށް ފުލުހުން ބުނެއެވެ.

ހަންބޯ ކުންފުނީގެ ބޭންކް އެކައުންޓް އަސްލު ހުޅުވާފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނަމަވެސް، ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށް ބީއެމްއެލްގައި އެކައުންޓެއް ހުޅުވައި، އެ މެދުވެރިކޮށް ކަސްޓަމަރުންގެ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އެހެންނަމަވެސް މި ތުހުމަތުތައް މަންޑޭ ދޮގުކޮށްފައިވެއެވެ. އޭނާ ބުނީ ކޭޕާކް ޕްރޮޖެކްޓްގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. މަންޑޭ ބުނީ ކޭޕާކް ގަނެފައިވާ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އޭނާގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ކޭޕާކުން ފުލެޓު ގަތް މީހުން މި މައްސަލައަށް ހައްލެއް ނުލިބޭތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.