މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޑެސްޓިނޭޝަން މާކެޓިންގެ ޑިރެކްޓަރުކަމުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
މި މަގާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 19,602 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި 6,861 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 5,881 ރުފިޔާ ލިބޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް ނުވަތަ ސަޕޯޓިން ކޮލިފިކޭޝަން އެލަވަންސްގެ ގޮތުގައި ހުށަހެޅޭ އެންމެ މަތީ ސަނަދަށް ބަލައިގެން އިތުރު ފައިސާ ދެވޭނެއެވެ. މާސްޓާސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާނަމަ މަހަކު 1,750 ރުފިޔާ ލިބޭނެއެވެ. ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް 1,250 ރުފިޔާ ލިބޭއިރު، ލެވެލް 6 އިން ދަށުގެ ސަނަދެއް ހުށަހަޅާ ފަރާތްތަކަށް 750 ރުފިޔާ ލިބޭނެކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ.
މި ހުރިހާ އެލަވަންސްތަކާއެކު ޑެސްޓިނޭޝަން މާކެޓިންގެ ޑިރެކްޓަރުކަމުގެ މަގާމަށް ހޮވޭ ފަރާތަކަށް ކޮންމެ މަހަކު ޖުމްލަ 34 ހާސް ރުފިޔާއަށްވުރެ މަތީ މުސާރައެއް ލިބޭނެއެވެ. އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތަކަކީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ދެވޭ އިތުރު ފައިދާތަކެއްކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ