އައްޑޫ ހުޅުދޫގައި ގެސްޓްހައުސް އަދި ހޮޓާ ހިންގުމަށް ބިން ކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ހުޅުދޫގައި ގެސްޓްހައުސް އަދި ހޮޓާ ހިންގުމަށް ބިން ކުއްޔަށް ދިނުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
02 ޖުލައި 2025 09:23
0

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ގެސްޓްހައުސް އަދި ސިޓީ ހޮޓާތައް އެޅުމަށް ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފި އެވެ. މި ފުރުސަތަށް ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ.

50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ މި ބިންތަކުގެ ތެރޭގައި ތަފާތު ސައިޒުގެ ގެސްޓްހައުސްތައް އެޅުމަށް ފުރުސަތު ލިބޭނެ އެވެ. 10 ކޮޓަރީގެ ގެސްޓްހައުސް އެޅުމަށް 2،400 އަކަ ފޫޓުގެ ބިން، 15 ކޮޓަރީގެ ގެސްޓްހައުސް އަށް 3،000 އަކަ ފޫޓުގެ ބިން، އަދި 25 ކޮޓަރީގެ ގެސްޓްހައުސް އަށް 5،000 އަކަ ފޫޓުގެ ބިން ދޫކުރާނެ އެވެ. މީގެ އިތުރުން 35 ކޮޓަރީގެ ސިޓީ ހޮޓާ އެޅުމަށް 7،000 އަކަ ފޫޓުގެ ބިމާއި 60 ކޮޓަރީގެ ސިޓީ ހޮޓާ އެޅުމަށް 10،000 އަކަ ފޫޓުގެ ބިން ވެސް ދޫކުރާނެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މި މަހުގެ 16 ވަނަ ދުވަހު ހެނދުނު އޮންލައިން ސެޝަނެއް ބާއްވާނެ ކަމަށް ކައުންސިލުން އިއުލާން ކޮށްފައިވެ އެވެ. ދިވެހި ކުންފުނިތަކަށް ބިޑް ޑޮކިއުމަންޓް 2،000 ރުފިޔާއަށް ގަނެވޭނެ އިރު، ބޭރުގެ ކުންފުނިތަކަށް 300 އެމެރިކާ ޑޮލަރަށް މި ޑޮކިއުމަންޓް ލިބޭނެ އެވެ.

އައްޑޫ ސިޓީން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިއީ އެއް ފިޔަވަޅެވެ. ވޭތުވެދިޔަ ދުވަސްތަކުގައި މަރަދޫގައި ސިޓީ ހޮޓާތައް ތަރައްގީކުރުމަށާއި ސަވާހިލި ފަޅުރަށް ޓޫރިޒަމަށް ތަރައްގީކުރުމަށް ވެސް ކައުންސިލުން ފުރުސަތުތައް ހުޅުވާލާފައިވެ އެވެ. އަދި "އައްޑޫ، ބިޔޯންޑް އީކްއޭޓާ" ގެ ނަމުގައި ބްރޭންޑެއް ތައާރަފްކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި އައްޑޫ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. މިގޮތުން ޗައިނާގައި ބޭއްވި އައިޓީބީ ފެއާގައި ވެސް އައްޑޫ ތަމްސީލުކޮށް، ޕްރޮމޯޓް ކޮށްފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.