2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އިންފޯގްރަފިކް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިޢުލާނު ކޮށްފިއެވެ.
މި އިޢުލާނުގައި ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، ބަޖެޓުގައި ހިމެނޭ މަޢުލޫމާތުތައް ރައްޔިތުންނަށް އެންމެ ފަސޭހަކަމާއެކު ދޭހަވާނެ ގޮތަކަށް ހުށަހެޅުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ބަޖެޓް ފޮތުގެ ޑިޒައިނާއި ލޭއައުޓް ތައްޔާރުކުރުމުގެ އިތުރުން މަޢުލޫމާތު ފޮތެއް ވެސް ތައްޔާރުކުރަން ޖެހޭނެއެވެ.
މި ފުރުޞަތު ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ މިކަމުގެ ޝަރުޠު ފުރިހަމަވާ އެންމެހައި ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ވަޒަންކުރާނީ ދެ މަރުޙަލާއެއްގައި ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ބިޑް ހުށަހަޅާއިރު ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) އާ އެއްގޮތަށް، ފުރަތަމަ ސިޓީ އުރައެއްގައި ޓެކްނިކަލް ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެއެވެ. ދެވަނަ ސިޓީ އުރައެއްގައި އަގުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ބިޑް ހުށަހަޅަންވާނެއެވެ. ބަޖެޓުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމުގައި އިންފޯގްރަފިކްސް ބޭނުންކުރުމަކީ ފިނޭންސް މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ