ޣައްޒާގައި އެހީގެ ސާމާނު ބަހަމުން ގެންދާ އެމެރިކާގެ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ނިޒާމާ ދެކޮޅަށް 171 ބައިނަލްއަޤްވާމީ ޖަމުޢިއްޔާއިން ތެދުވެއްޖެއެވެ. އޮކްސްފެމް، ޑޮކްޓަރސް ވިތައުޓް ބޯޑަރސް، ސޭވް ދަ ޗިލްޑްރަން ފަދަ ބޮޑެތި ޖަމުޢިއްޔާތައް ހިމެނޭ މި ގުރޫޕުން ބުނީ، ޖީއެޗްއެފްގެ ނިޒާމަކީ ރައްކާތެރި ނޫން، އަދި އެހީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ނިޒާމެއް ކަމަށެވެ.
މެއި 26ން ފެށިގެން ޖީއެޗްއެފް ޙަރަކާތްތެރިވާން ފެށިފަހުން، އެހީ ބަހާ މަރުކަޒުތައް ކައިރީގައި 500އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޙާދިސާތަކުގެ 50 ޕަސެންޓުގައި ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ސޭވް ދަ ޗިލްޑްރަންއިން ވަނީ ފާހަގަކޮށްފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިޔޯ ގުތޭރޭޝް ވެސް ވަނީ މި ނިޒާމަކީ ރައްކާތެރި ނޫން ކަމަށާއި، ގާސްތައް ހުސްވެފައިވާ މީހުން އަސްކަރީ ބާރުތައް ޙަރަކާތްތެރިވާ ތަންތަނަށް ޖަމާކުރުމަކީ ޚަތަރު ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޖަމުޢިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ބުނީ، ޣައްޒާގެ ރައްޔިތުންނަށް މިހާރު އޮތީ ދެ ގޮތް – ބަނޑަށް ޖެހި މަރުވުން ނުވަތަ ކާބޯތަކެތި ހޯދަން މަސައްކަތްކުރުމުގެ ތެރޭގައި ޝަހީދުވުން ކަމަށެވެ. އަދި އދ މެދުވެރިކޮށް ކުރިން ބޭނުންކުރި އެހީ ބެހުމުގެ ނިޒާމު އަލުން ޤާއިމުކުރުމަށް ގޮވާލާފައިވެއެވެ.
ޖޫން 30ގައި ޔަހޫދީން ވަނީ އެހީ ބަހާ މަރުކަޒުތައް ކައިރީގައި ޣައްޒާގެ ރައްޔިތުންނަށް ގެއްލުން ދީފައިވާކަން އިޢުތިރާފުވެފައެވެ.