ރާއްޖޭގައި ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ރޭޓް މިއަދުން ފެށިގެން 17 ޕަސަންޓަށް އިތުރުކޮށްފި އެވެ. މީގެ ކުރިން މި ޓެކްސް ނަގަމުން ދިޔައީ 16 ޕަސަންޓުގެ ރޭޓުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ބަދަލު ގެނައީ ދައުލަތުގެ މާލީ ހާލަތު ހަރުދަނާކޮށް، ފިސްކަލް ޑެފިސިޓް ކުޑަކުރުމުގެ މަޤްސަދުގަ އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި މި ބަދަލު ހިމަނާފައިވާއިރު، ޖުލައި މަހުން ފެށިގެން އަހަރު ނިމެންދެން ދައުލަތަށް 202 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި އެއާޕޯޓް ޑިވަލޮޕްމަންޓް ފީ އާއި ޑިޕާޗަރ ފީ ބޮޑުކުރުމުން 1.5 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެކަމަށާއި، ގްރީން ޓެކްސް އިތުރުކުރުމުން 964 މިލިއަން ރުފިޔާ އިތުރަށް ހޯދޭނެކަމަށް ބަޖެޓް ލިޔެކިޔުންތަކުން ދައްކަ އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އަހަރުގެ މި މުއްދަތަށް އަންދާޒާކޮށްފައިވާ ޓާގެޓަށްވުރެ 200 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ރާއްޖޭގައި ޓެކްސް ނިޒާމެއް ފުރަތަމަ ތައާރަފްކުރީ 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. ނަމަވެސް ޓީޖީއެސްޓީ އަމަލުކުރަން ފެށީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އެ ދުވަސްވަރު ޓީޖީއެސްޓީގެ ރޭޓަކީ 8 ޕަސަންޓެވެ. ފަހުން މި ރޭޓް ފިޔަވަޅު ފިޔަވަޅުން ބޮޑުކޮށް، 2022 ވަނަ އަހަރު 16 ޕަސަންޓަށް އިތުރުކުރި އެވެ.
ކޮމެންޓު ފޮނުވާ