ވެލާނާގެ އައު ޓާމިނަލްގެ 300 މުވައްޒަފުނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފި

ވެލާނާގެ އައު ޓާމިނަލްގެ 300 މުވައްޒަފުނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފި

Author
ހުސައިން
30 ޖޫން 2025 11:36
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ތައްޔާރީގެ ގޮތުން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދޭ 300 މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

ޖުލައި 26 ގައި ހުޅުވަން ހަމަޖެހިފައިވާ އައު ޓާމިނަލުން ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުން ތައްޔާރުކުރުމަށް ހިންގާ މި ޕްރޮގްރާމުގެ މަޤްޞަދަކީ ފަސިންޖަރުންނަށް އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ދިވެހި މެހެމާންދާރީގެ ރިވެތި ސިފަތަކާއެކު ޚިދުމަތް ދެވޭނެ ޤާބިލު ބައެއް ބިނާކުރުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ.

ތަމްރީނު ޕްރޮގްރާމް ހިންގަމުން ދަނީ ދެ ބައިކޮށްގެން ކަމަށާއި، ފުރަތަމަ ބައިގައި 150 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތު ދިނެވެ. މި ބައި ނިމޭނީ ޖުލައި 9 ގައެވެ. ތަމްރީނުގައި ބައިވެރިވާ މުވައްޒަފުންގެ ތެރޭގައި އައު ޓާމިނަލަށް ނެގިފައިވާ އައު މުވައްޒަފުންނާއި، މިހާރު އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.

ކަސްޓަމަރ ސާރވިސް ތަމްރީނު ދިނުމުގައި ތަޖުރިބާކާރު، ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ އަދި ކޯޗް މަސްއޫދު އަލީ އަކީ މި ޕްރޮގްރާމުގައި ކިޔަވައިދޭ ފަރާތެވެ.

ފަސިންޖަރ ސާރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރ އަލީ މުޝްތާޤު ވިދާޅުވި ގޮތުގައި، އެއާޕޯޓުން ޚިދުމަތް ލިބިގަންނަ ފަސިންޖަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަކީ އެމްއޭސީއެލްގެ އެންމެ މުހިންމު އިސްކަމެކެވެ. އައު ޓާމިނަލް ހުޅުވުމާއެކު، އެތަނުން ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްޞަ އަހަމިއްޔަތެއް ދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރ މިސްބާޙު އަހުމަދު ފާހަގަކުރެއްވި ގޮތުގައި، ޖާގައިގެ ގޮތުން ފުޅާ އަދި ޒަމާނީ ވަސީލަތްތައް ހިމެނޭ ޓާމިނަލެއް ހުޅުވުމާއެކު، އެތަނުން ދެވޭ ޚިދުމަތްތަކަކީވެސް ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތަކަށް ވާންޖެހެއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކޮންމެ މުވައްޒަފަކުވެސް ހިތްހެޔޮ، މެހެމާންދާރީ ފުރިހަމަ ޚިދުމަތެއް ދެވޭނެ ފަރާތަކަށް ހެދުމަށް ރޭވިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ދުވަހާ ގުޅިގެން ހުޅުވަން ހަމަޖެހިފައިވާ އައު ޕެސެންޖަރ ޓާމިނަލަކީ، ޚިދުމަތުގެ ފެންވަރު މަތި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ތަނަވަސް ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.