ޓުއަރިޒަމް ތަރައްޤީ ނުވާ 6 އަތޮޅުގައި ރިޒޯޓު ހެދުމަށް ބޮޑެތި ލުއިތަކެއް: 31 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ

ޓުއަރިޒަމް ތަރައްޤީ ނުވާ 6 އަތޮޅުގައި ރިޒޯޓު ހެދުމަށް ބޮޑެތި ލުއިތަކެއް: 31 ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ

Author
ހުސައިން
30 ޖޫން 2025 12:08
0

ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ނުވާ އަތޮޅުތަކުގައި ރިޒޯޓު ތަރައްޤީކުރުމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާއެކު ހއ، ހދ، ށ، ތ، ލ އަދި އައްޑޫ ސިޓީގައި 31 އާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ.

މި ލުއިތަކުގެ ތެރޭގައި ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރާއިރު ދައްކަންޖެހޭ ލީސް އެކުއިޒިޝަން ފީ ބޮޑުތަން ކުޑަކުރުން ހިމެނެއެވެ. ތ އަތޮޅުގެ ރަށްރަށަށް ލޮކޭޝަން ޕްރެމިއަމް އުނިކޮށް، ހއ، ހދ، ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުންވެސް ލޮކޭޝަން ޕްރީމިއަމް އުނިކުރުމަށް ނިންމާފައިވެއެވެ. އަދި ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 ޑޮލަރުން 100،000 ޑޮލަރަށް ކުޑަކޮށްފައިވެއެވެ.

މީގެ އިތުރުން 20-40 ހެކްޓަރުގެ ރަށްތަކަށް ނަގާ ސައިޒް ޕްރެމިއަމް މި 6 އަތޮޅުން އުނިކޮށް، 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ނަގާ ސައިޒް ޕްރިމިއަމް 2 މިލިއަން ޑޮލަރުން 1 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވެއެވެ. ރިޒޯޓު ތަރައްޤީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ރިޒޯޓު ހުޅުވައިފިނަމަ، ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތުގެ ބިމު ކުލި ފަސްކޮށްދިނުމަށްވެސް ނިންމާފައިވެއެވެ.

ރިޒޯޓުތައް ތަރައްޤީކުރުމަށް ގެންނަ ތަކެތިން ޑިއުޓީ މާފުކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކޮށް، ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސްވެސް ޑިއުޓީ މާފު ކެޓަގަރީއަށް އިތުރުކޮށްފައިވެއެވެ. އަދި އޯޕަން ބިޑިންގއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ފީ ބަހާލައިގެން ދެއްކޭނެ މަގުވެސް ފަހިކޮށްފައިވެއެވެ.

މި ލުއިތަކާއެކު ކުރިއަށް ގެންދާ 31 ޕްރޮޖެކްޓްގެ ތެރޭގައި ކޮންމެ އަތޮޅަކުން ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ހިމެނޭނެއެވެ. ކްލޯޒް ބިޑިންގގެ ދަށުން ހއ އަތޮޅުން 2، ހދ އަތޮޅުން 5، ތ އަތޮޅުން 3، ލ އަތޮޅުން 2 ޕްރޮޖެކްޓް ކުރިއަށް ގެންދާނެއެވެ. އޯޕަން ބިޑިންގގެ ދަށުން ހއ އަތޮޅުން 3، ހދ އަތޮޅުން 5، ށ އަތޮޅުން 3، ތ އަތޮޅުން 2، ލ އަތޮޅުން 1 ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބުނި ގޮތުގައި މި ލުއިތަކުގެ ސަބަބުން މި އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާވެ، މި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެ، އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވައުދުވެފައިވާ ކަމެއް ކަމަށާއި، މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ސަރުކާރުގެ ސިޔާސަތުން ކުރައްވާނެ ކަމަށް ފާހަގަކޮށްފައިވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މި ނިންމެވުމުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.