މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުމުން، ކުންފުނީގެ ތާރީޚުގައި ނުފެންނަ ކާމިޔާބީތަކެއް ހާސިލުކުރިކަން ހާމަވެއްޖެއެވެ.
ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާޙް، ބޯޑު މެމްބަރުންނާއި ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އަދި އެކްސްކޯ މެމްބަރުން ބައިވެރިވި މި ޖަލްސާގައި ހާމަކުރި މަޢުލޫމާތުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އެމްއޭސީއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަވިނަމަވެސް، ކުންފުންޏަށް ލިބުނު މި ރެކޯޑް ފައިދާއަކީ އެމްއޭސީއެލްގެ ތާރީޚުގައި މިފަދަ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރު ކަމުގައި ކުންފުނިން ފާހަގަކުރެއެވެ.
ޗެއާޕާސަން ނޫރައިން ފާހަގަކުރެއްވި ގޮތުގައި، މިދިޔަ އަހަރު ހޯދި ކާމިޔާބީތަކަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، ކުންފުނީގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެމްއޭސީއެލްއަށް އިތުރު ކާމިޔާބީތައް ހޯދޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
ސީއީއޯ ޝަރީފް ވިދާޅުވި ގޮތުގައި، މި ކާމިޔާބީއަކީ ކުންފުނީގެ މުވައްޒަފުން އެއްބައިވަންތަކަމާއެކު ކުރި މަސައްކަތުގެ ނަތީޖާއެވެ. އަދި މިފަދައިން ކުރިއަށް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖާ ޓާމިނަލް އަންނަ މަހުގެ 26 ގައި ހުޅުވުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، މި ޓާމިނަލާއެކު ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފައިދާ އިތުރުކުރުމަކީ އެމްއޭސީއެލްގެ މައިގަނޑު އަމާޒުކަމަށެވެ. އާ ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ.
އާ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއް ޤާއިމުކޮށްފައިވާކަމަށް ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ