ރައީސް ޔާމިން ޖަލުގައި 400 ދުވަސް: އިންސާފް ގާއިމްކުރުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

ރައީސް ޔާމިން ޖަލުގައި 400 ދުވަސް: އިންސާފް ގާއިމްކުރުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

Author
ޢަލީ އާދަމް
04 ޖެނުއަރީ 2021 09:26
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން 400 ދުވަސް ވަންދެން ޖަލުގައި ހުންނެވީ އިންސާފު ލިބިވަޑައި ނުގެންކަމަށް ވިދާޅުވެ ރައީސް ޔާމީނަށް އިންސާފް ހޯދައިދީ މިނިވަންކުރުމަށް އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 އަށް ވުރެ ގިނަދުވަސް ވުމާގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުނާފުގެ ޙުކުމް ލަސްވެ 400 ދުވަސް ވަންދެން ޢާއިލާއާ ވެސް ބައްދަލުނުވެ ޖަލުގައި ހުންނެވުމަކީ ޢަދުލުގެ ނިޒާމުގެ މިނިވަންކަމާމެދު ސުވާލު އުފެދުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް ވަނީ 403 ދުވަސް ވެފައެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓަކަށްވެސް ނިކުމެވަޑައިގަތް ޑރ.ޝަހީމް މީގެ ކުރިންވެސް ވަނީ، ރައީސް ޔާމިނަށް އިސްތިއުނާފްގެ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޝަހީމް މިދިޔަ މަހު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުވި ޙުކުމް އިއްވެވުނު ގޮތް ވަރަށް ސާފުކަމަށެވެ. ޤާޒީ ޢަޒުލުކުރުމުން ފެށިގެން އިސްތިއުނާފު ނުނިމި، ޢާއިލާއާ ބައްދަލު ނުވެ މިއަދާ ހަމައަށް އައި އައުމުން ދޭހަވަނީ އިންސާފު ކަށަވަރު ނުވާކަންކަމަށާއި، ރައީސް ޔާމީން ގެއަށް ބަދަލުކޮށް އިސްތިއުނާފު އަވަސްކޮށް އިންސާފު ކަށަވަރު ކުރަންޖެހޭކަމަށްވެސް ޑރ.ޝަހީމް އޭރުވެސް ވަނީ ވިދާޅުވެފައެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަވަން ތަޢާވަލުކުރި ދުވަހު އެމައްސަލަ ބައްލަވާ ޤާޒީ ހައިލަމް ވަނީ މައްސަލަ ބެލުމުން ދުރުކޮށް ސަސްޕެންޑްކޮށްފައެވެ. އަދި އެމައްސަލަ ފަހުން ބެއްލެވީ ފަނޑިޔާރު ޢަލީ ރަޝީދެވެ. ފަނޑިޔާރު ޢަލީ ރަޝީދު މިހާރު އިންނެވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި، އެމަނިކުފާނަށް ޤާނޫނުން ކަށަވަރުކޮށްދޭ ހައްގުތަކަށްވެސް ހުރަސް އަޅަމުން އަންނަކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.