ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފެތުރެމުންދިޔަ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ. މިކަން ސާފުކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރުމަކީ ދިވެހި ސަރުކާރުން ވިސްނަމުންދާ ކަމެއް ނޫން ކަމަށެވެ.
ލަންކާގެ ނޫސްތަކުގައި ފެތުރުނު ރިޕޯޓްތަކުގައި ބުނެފައިވަނީ، ފްރީ އިކޮނޮމިކް ޒޯނެއްގެ އިތުރުން ފްރީ މޫވްމަންޓް ޒޯނެއް ގާއިމުކުރުމަށް ދެ ގައުމުގެ ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ހަބަރުތައް ފެތުރުނީ ޖުލައި 29 ގައި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، މިފަދަ ޒޯނެއް ގާއިމުކުރުމުގެ ވާހަކަ މިހާތަނަށް ހިޔާލުކުރެވިފައި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން ލަންކާގެ ނޫސްތަކުގައި ފެތުރުނު މި ހަބަރުތަކަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ނޫސްތަކުގައި ވާހަކަ ދެކެވުނު ގޮތުގައި، މިފަދަ އެއްބަސްވުމެއް ވެއްޖެނަމަ ދެ ގައުމުގެ ރައްޔިތުންނަށް ވިސާއަކާ ނުލައި އަނެއް ގައުމުގައި މަސައްކަތް ކުރުމާއި، ވިޔަފާރި ހިންގުމާއި، ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ސާފުކޮށްދީފައިވަނީ މިފަދަ އެއްވެސް އެއްބަސްވުމަކާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ނުދާ ކަމަށެވެ.