ޝެއިޚް ފަރީދުގެ ހަދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

ޝެއިޚް ފަރީދުގެ ހަދާނުގައި ބަންގަލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

ގުޅުންހުރި

ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ފާހަގަ ކުރެވޭ ޚިދުމަތްތަކެއް ކުރެއްވި، މި މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގައި ނިޔާވި ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި، ބަންގަލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. އެގޮތުން މިއަދު ބަންގަލަދޭޝްގައި އެ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މެލޭޝިއާގެ އެއާޕޯޓަށް ވަޑައިގަތުމަށްފަހު، ސިއްޙީ ހާލަތު ގޯސްވެގެން ނިޔާވި ޝެއިޚް ފަރީދުގެ ޚިދުމަތްތަކުގެ ހަނދާންތައް ދެމެހެއްޓުމުގެ ގޮތުން، ޚިދުމަތް ޖަމިއްޔާއިން މި މިސްކިތް ބިނާކުރުމަށް ނިންމީ އޭނާ ނިޔާވިތާ ދެ ދުވަސް ފަހުން، މި މަހުގެ 11 ވަނަ ދުވަހުއެވެ.

ބިންގާ އެޅުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޝެއިޚްގެ ދަރިކަލުން ކަމުގައިވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދު ބަންގަލަދޭޝަށް ދިޔައީ މި ހަފްތާގެ ކުރީކޮޅުއެވެ. އެ ދެ ދެބޭފުޅުން މި މިސްކިތުގެ ބިންގާ އެޅުއްވުމާއެކު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފެށިގެން ގޮސްފައެވެ.

ޚިދުމަތް ޖަމިއްޔާއިން މިއަދު ޢާންމުކުރި ވީޑިއޯއެއްގައި، ބިންގާ އެޅުމުގެ މަންޒަރުތައް ވަނީ ދައްކާލާފައެވެ. އަދި މި ފުރުޞަތުގައި ޝެއިޚްގެ ދަރިކަލުން ވާހަކަ ދައްކަވަމުން، މި މިސްކިތް ބިނާކުރުމަށް ދިވެހި ރައްޔިތުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އާއިލާގެ ފަރާތުންނާއި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

455 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ މި މިސްކިތަކީ، 255 އަކަފޫޓުގެ ބޮޑު ޖާގައެއްގައި ބިނާކުރާ މިސްކިތެކެވެ. މިސްކިތް ބިނާކުރުމަށް ބޭނުންވާނެކަމަށް ލަފާކުރި 760،000 ރުފިޔާ، ދިވެހި ރައްޔިތުންގެ ފަރާތުން ހަމަވީ، މި ޕްރޮޖެކްޓަށް ފަންޑު ހޯދުމަށް ހުޅުވާލި ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައެވެ.

މީގެ އިތުރުން، ޝެއިޚް ފަރީދުގެ ނަމުގައި ރާއްޖޭގައިވެސް މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމިއްޔާއިން ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގައި ބިނާކުރާ މިސްކިތާ ބެހޭ ތަފްޞީލު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު މި މަޝްރޫޢުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވަމުންދާތީއާއި، އިތުރު ފަންޑު ލިބެމުންދާތީ، ރާއްޖޭގައި މިސްކިތެއް ބިނާކުރަން ނިންމީކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައިވެއެވެ.

ޝެއިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ މަސައްކަތް ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާގެ ދީނީ ދަރުސްތަކާއި ނަސޭހަތްތަކުން ގިނަ ބަޔަކު ފައިދާ ހޯދާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ