ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން ހަލާލު ޓޫރިޒަމަށް ޚާއްޞަ ރަށްތަކެއް ތަރައްޤީކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅޭ މައުލޫމާތު ރައީސް ވަނީ އެކްސް (ޓްވިޓާ) މެދުވެރިކޮށް ޙިއްޞާކުރައްވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމަކީ މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ ސިނާޢަތެކެވެ. މި ސިނާޢަތް ފާހަގަކޮށްލެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި، ފަތުރުވެރިން ލިބިގަންނަ ތަޖުރިބާއާއި، ރާއްޖޭގެ މެހެމާންދާރީގެ ފެންވަރުގެ ސަބަބުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން ހަލާލު ފަތުރުވެރިކަން ރާއްޖޭގައި ތައާރަފުކުރުމުގެ މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ލަނޑުދަނޑިއަކީ ރާއްޖެ ހަލާލު ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކަށް ހެދުމެވެ.
މި އާ ސިޔާސަތުގެ ދަށުން ހަލާލު ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ވަކި ރަށްތަކެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން ރައީސް އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢު ތަންފީޒުކުރުމުގައި އިންވެސްޓަރުންނަށް ފުރުޞަތުތަކާއި، އިނާޔަތްތަކާއި ލުއިފަސޭހަތަކެއް ހަމަޖައްސައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަށް ލިބޭނެ މުހިންމު އެހީތެރިކަމެކެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، އާ ބާޒާރުތަކަށް ހުޅުވާލުމުގެ ފުރުޞަތެކެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންވެސްޓްމަންޓް ގެނައުމަށާއި، އިންވެސްޓަރުންނަށް ފުރުޞަތުތައް ހުޅުވާލުމަށް ތައްޔާރުވެފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ