ލިވަޕޫލްގެ ލެޖެންޑް ޑާކް ކައިޓް ރާއްޖެ ޒިޔާރަތްކޮށް ފުޓްބޯޅަ ފޭނުންނާ ބައްދަލު ކޮށްފި

ލިވަޕޫލްގެ ލެޖެންޑް ޑާކް ކައިޓް ރާއްޖެ ޒިޔާރަތްކޮށް ފުޓްބޯޅަ ފޭނުންނާ ބައްދަލު ކޮށްފި

Author
ހުސައިން
26 ޖޫން 2025 07:51
0

ނެދަލޭންޑްސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލް އެފްސީގެ ލެޖެންޑް ޑާކް ކައިޓް، މޯލްޑިވްސް ފުޑް ކާނިވަލުގައި ހިންގާ އެލްއެފްސީ ފޭން ޒޯންގައި ބައިވެރިވެއްޖެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބުރާސްފަތި ދުވަހު ބޭއްވުނު މި އިވެންޓަށް ފުޓްބޯޅައަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަނީ ޙާޟިރުވެފައެވެ.

އެމްއެމްޕީއާރުސީން އިންތިޒާމުކުރި ހާއްސަ މީޑިއާ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކައިޓް ވިދާޅުވީ، ރާއްޖެ ޒިޔާރަތްކުރެއްވުމުގެ ފުރުޞަތު ލިބުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މި ޒިޔާރަތުގައި އޭނާ ވަނީ ރާއްޖެ ބައިނަލްއަގްވާމީ ފެންވަރުގައި ސްޕޯޓްސް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ތަޢާރަފުކުރުމަށް އެހީތެރިވެދެއްވާފައެވެ.

100 އަށްވުރެ ގިނަ ފަހަރު ނެދަލޭންޑްސްގެ ޤައުމީ ޓީމު ތަމްސީލުކުރި ކައިޓް އަކީ، 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި އޮރެންޖް ޓީމު ފައިނަލަށް ދިއުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. 2012 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލިވަޕޫލަށް ޖަހާދިން ލަނޑަކީ، އެ ކްލަބުގެ ތާރީޚުގައި މުހިންމު ލަނޑެއްގެ ގޮތުގައި އަދިވެސް ފާހަގަ ކުރެވެއެވެ.

ފެޔެނޫޑް އަދި ފެނެރްބަހޭ ފަދަ ޔޫރަޕުގެ ބޮޑެތި ކްލަބްތަކުގައި ކުޅެ، ފޯވާޑެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ކައިޓް އަކީ، ލީޑަޝިޕް ސިފަތަކާއި ރަނގަޅު އަޚްލާޤުގެ ސަބަބުން ފުޓްބޯޅަ ދުނިޔޭގައި އިހްތިރާމް ލިބިފައިވާ ޝަޚްޞިއްޔަތެކެވެ.

ރާއްޖޭގައި ހުންނަ މުއްދަތުގައި ކައިޓް ހުންނަނީ ހުވަފެންފުށި މޯލްޑިވްސް ރިސޯޓުގައެވެ. އެ ރިސޯޓުގެ ކަނޑުއަޑީ ސްޕާ އާއި ޚާއްޞަ ކާނާގެ ތަޖުރިބާތަކާއެކު، ރާއްޖޭގެ ތަފާތު މަންޒަރުތައް އޭނާ ބައްލަވާނެ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތު ދެއެވެ.

780،000 އަށްވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ތިބި ކައިޓްގެ މި ޒިޔާރަތަކީ، ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މިފަދަ މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ ޒިޔާރަތުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓުކުރުމަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

މޯލްޑިވްސް ފުޑް ކާނިވަލުގެ އެލްއެފްސީ ފޭން ޒޯން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައި ހުންނާނެއެވެ. މި ޒޯންގައި ފުޓްބޯޅައާ ގުޅޭ ތަފާތު ޝިއާރު ހަރަކާތްތަކާއި، ހުރިހާ އުމުރުފުރައެއްގެ ފުޓްބޯޅަ ޝައުގުވެރިންނަށް މަޖާ ތަޖުރިބާތައް ލިބޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.