ޖިންސީގޯނާގެ މައްސަލަތަކުގައި ތަފާތުކުރުން ނުގެންގުޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިއްޔެ ނޫސްތަކުން ރިޕޯޓްކުރި، ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންނެންކުއްޖެއް ރޭޕްކުރުމުގެ މައްސަލައާ ގޫޅޭގޮތުން އެކޯލިޝަންގެ އަންހެނުންގެ ގޮފީގެ މެންބަރުތަކެއް ބޭއްވި ނޫސްކޮންފަރެންސްގައި، އެކޯލިޝަންގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، ނޫސްތަކުގައި އިއްޔެގެ ފަލަ ސުރުޚީތަކަށް އަރާފައިވާ ރޭޕްގެ މައްސަލައާމެދު ކަންބޮޑުވާކަމަށެވެ. ރިސޯޓެއްގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށާއި، އަދި މިހާރު އެއިންޑިއާ މީހާ ގައުމަށް ފުރުވާލާފައި ވާކަމަށް ނޫސްތަކުން މައުލޫމާތި ލިބޭއިރު، މިއީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ގިނަ ޒުވާނުން ހާއްސަކޮށް އަންހެނުންވެސް ވަޒީފާ އަދާކުރަމުންދާ ދާއިރާއެއްކަމަށާއި، މިދާއިރާއަށް ނުކުންނަން ގިނަ ކުދިންތަކެއް މިހާރުވެސް ތަމްރީނުވަމުންދާއިރު، މިފަދަ ހާދިސާއެއް ހިނގައިގެން ދިއުމުން މިދާއިރާއަށް ނުކުންނަން ބޭނުންވެފައިތިބި ކުދިންނަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިވާކަމަށެވެ. މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ކަން ހިނގާފައިވާގޮތް އާންމު ރައްޔިތުންނަށް ތަފްސީލްކޮށްދިނުމަށްވެސް ހީނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
މައްސަލާގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ އިންޑިއާ މީހާ ފުރާފައިވާ ވާހަކައަކީ ތެދެއްކަމުގައިވާނަމަ އެކަމުގެ ހަގީގަތްވެސް ރައްޔިތުންނަށް ހާމަކުރުމަށް ގޮވާލެއްވިއެވެ. ވަކި ގައުމެއްގެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، ދިވެހިންނެކޭ އެއްގޮތަށް މިފަދަ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށާއި، މިފަދަ ކަންކަމުގައި ދިވެހިންގެ މެދުގައިވެސް ތަފާތުކުރުން ނުބެހެއްޓުމަށް ގޮވާލަން ހީނާ ގޮވާލެއްވިއެވެ.
މީގެއިތުރުން ހީނާވަނީ މިދިޔަ ޖޫންމަހު ހުޅުމާލޭ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ހީނާ ވިދާޅުވީ، އެ މައްސަލައިގެ ޝިކާރައަކަށްވި ބިދޭސީ އަންހެނާ ފުރުވާލާފައިވާއިރު، މިހާތަނަށްވެސް އެއަންހެންމީހާއަށް އިންސާފު ލިބިފައިނުވާކަމަށެވެ. އަދި އެމައްސަލަ ތަޙުޤީޤު ކުރެވެމުންދާލެއް ލަސްކަމާއި، ނުފޫޒު ފޯރުވުމުގެ މައްސަލަތަކެއްވެސް އުޅޭކަމަށް ވަކީލުންގެ ފަރާތުން ބަޔާންތައް ނެރެފައިވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
އަދުގެ ސަރުކާރުން ވެރިކަމަށް އައީ އަންހެނުންގެ މިފަދަ ހައްގުތަށް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުމަށް ވަކާލާތު ކުރަމުންނަމަވެސް، މިފަދަ ކަންކަމުގައި އަންހެނުންގެ ހައްގުތަށް މިސަރުކާރަށް ކަށަވަރުކޮށްނުދެވޭކަން އިދިކޮޅު ކޯލިޝަނުން ފާހަގަކުރެއެވެ.