ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން އެމްޑީޕީން ކުށްވެރު ކޮށްފި

ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރުން އެމްޑީޕީން ކުށްވެރު ކޮށްފި

Author
ހުސައިން
25 ޖޫން 2025 08:47
0

ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަގުތީ ގޮތުން ވަކިކުރި ކަމަކީ، ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކައުންސިލަރުންގެ ބާރު ކަނޑުވާލުމަށް ވެރިކަން ހިންގާ ޕީއެންސީން ކުރި ކަމެއް ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެލްޖީއޭއިން މި ފިޔަވަޅު އަޅާފައިވަނީ އެއްވެސް ސަބަބެއް ނެތި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެދޭ ގޮތަށް ކައުންސިލުން އަމަލު ނުކުރާތީ ހުށަހެޅި ހަގީގަތެއް ނެތް ޝަކުވާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި ޝަކުވާތައް ނުބަލައި، ތަކުރާރުކޮށް އެލްޖީއޭއަށް ނުފޫޒު ފޯރުވައި، ކައުންސިލަރުންނަށް އެކި ވަސީލަތްތަކުން ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނެފައިވަނީ، ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް މައްސަލަތައް ބެލުމަށް ފުރިހަމަ އެއްބާރުލުން ދީފައިވާ އިރު، އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭއިން އަންގާފާ ނުވާކަމުގައެވެ. އެހެން ނަމަވެސް، އިންޒާރެއް ދިނުމަކާ ނުލައި އަވަސް އަރުވައިގެން ކައުންސިލަރުން ވަކިކޮށް، އޮފީސް ބަންދު ވަގުތު ވެސް ރަސްމީ ގޮތުން އެކަން ނާންގައި މި ފިޔަވަޅު އަޅާފައިވާ ކަމަށް އެ ޕާޓީން ފާހަގަ ކުރެއެވެ.

"މިއީ ގައިރު ގާނޫނީ ފިޔަވަޅެއް ކަމަށް ވާތީ، ކޯޓަށް ދިޔުމުގެ ފުރުސަތު ތިނަދޫ ކައުންސިލަށް ނުދިނުމަށް އެލްޖީއޭއިން މަސައްކަތް ކުރަމުންދާ ކަމަށް ފެނޭ،" އެމްޑީޕީގެ ބަޔާނުގައި ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ކުރީގެ ވެރިކަމުގައި ވެސް އިޖުރާއަތްތަކާ ނުލައި ކައުންސިލަރުން ވަކިކުރި ކަން ހަނދާން ކޮށްދީ، އެމްޑީޕީން ބުނީ މިހާރުގެ ސަރުކާރުން ވެސް ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، ބާރުތައް މަރުކަޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކައުންސިލްތަކަށް ގާނޫނުން ލާޒިމު ކުރާ ޒިންމާތައް އަދާކުރުމަށް ސަރުކާރުން ކުރިމަތި ކުރުވާ ހުރަސްތަކާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތައް މެދުވެރިކޮށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިން އެ ޕާޓީން، އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން އަޅާ ގައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ހުރިހާ ކައުންސިލްތަކަށް ގޮވާލާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.