މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަންކޮށްފައިވާ ކަމަށް ކައުންސިލުން އިއުލާންކޮށްފިއެވެ. މި މަގާމަށް މުހައިމިން އައްޔަންކުރީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލި ހަތަރު ފަރާތުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނީ މުހައިމިނަށް ކަމަށް ކައުންސިލުން ބުނެއެވެ. އޭނާއަށް ލިބުނީ 85.03 މާކްސްއެވެ.
މި މަގާމުގައި ކައުންސިލުގެ ލަފާގެ މަތިން އިދާރާގެ އެންމެހައި އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާއި މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނެއެވެ. ސެކްރެޓަރީ ޖެނެރަލަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާއާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ.
މުހައިމިން މިހާތަނަށް އަދާކުރަމުން އައީ މާލެ ސިޓީ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ އޭނާ ވަނީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކޮށްފައެވެ.
އޭނާގެ ތަޖުރިބާގެ ތެރޭގައި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުކަމާއި، ސްކޫލު ޕްރިންސިޕަލްކަމާއި، މެދުރާއްޖެތެރޭގެ ސްކޫލްތަކުގެ ޒޯން ކޯޑިނޭޓަރުކަން ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހުރިހާ ސްކޫލްތަކުގެ ކޯޑިނޭޓަރުކަމާއި އަމިއްލަ އަދި އިންޓަނޭޝަނަލް ސްކޫލްތަކުގެ ކޯޑިނޭޓަރުގެ މަގާމުތައް ވެސް ފުރުއްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ