މުޅި ދުނިޔޭގައިވެސް މިހާތަނަށް އުފެއްދި، ލިކުއިޑް ހަކަތަ ބޭނުންކޮށްގެން އުދުއްސާލެވޭ، އެއްބައްރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ އެންމެ ބޮޑު ބެލިސްޓި މިސައިލް ނޯތު ކޮރެއާއިން ދައްކާލައިފިއެވެ.
މި ބިޔަ ބޮޑު މިސައިލް އުތުރު ކޮރެއާއިން ދައްކާލާފައި މިވަނީ އެގައުމުގަ ވެރިކަން ކުރާ ވޯކާސް ޕާޓީގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރުުގެ ގޮތުން ވެރިކަން ކުރާރަށް ޕިޔޮން ޔަންގ ގައި ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ޕެރޭޑެއްގަ އެވެ. މުޅިއެކު ދެގަޑިއިރަށް ދިގުދެމިގެން ދިޔަ މިޕެރޭޑް ވަނީ އެގައުމުގެ ދައުލަތުގެ ޓީވީން ވަގުތުން ދުރަށް ދައްކާފައެވެ. މި ބިޔަ މިސައިލް މި ޕެރޭޑްގައި އުފުލާފައިވަނީ މިކަމަށް ޚާއްސަކުރެވިފައިވާ އެގާރަ ފުރޮޅުލީ ޓްރަކެއްގައެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި، މިހަތިޔާރަކީ އަދި މިހާތަނަށް އުތުރުކޮރެއާއިން ޓެސްޓްކޮށްފައިވާ ހަތިޔާރެއް ނޫންނެވެ. އެހެންނަމަވެސް މި މިވަރުގަދަ ހަތިޔާރު ބޭނުންކޮށްގެން ގިނަ ވާހެޑްތަކެއް އުފުލިދާނެއެވެ. އަދި އުތުރުކޮރެއާގެ އަމާޒުތަކާއި ދެކޮޅަށް ހަމަލަ ދިނުމުގައި އެގައުމަށް ލިބިފައިވާ ހަތިޔާރުގެ ގާބިލްކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ.
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ގާއިމް ކޮށްފައިވާ ސެންޓަރ ފޯ ނޭޝަނަލް އިންޓަރެސްޓުގެ ކޮރެއަން ސްޓަޑީސްއާއި ބެހޭ ބައިގެ ސީނިއަރ ޑިރެކްޓަރ ހެރީ ކަޒިއަނިސް ވިދާޅުވާ ގޮތުގައި މިއިންޓަރކޮންޓިނެންޝަލް ބެލިސްޓިކް މިސައިލަކީ 2017 ވަނަ އަހަރު އުތުރުކޮރެއާއިން ޓެސްޓް ކޮށްފައިވާ ބެލިސްޓިކް މިސައިލްގެ ނަކަލެއްކަމުގައި ވިޔަސް، މިމިސައިލަކީ މިއަށްވުރެއް އެތައް ގުނައެއް ބޮޑު، އަދި އެގައުމުގަ މިހާރު ހުރި ހަތިޔާރުތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ މިސައިލެކެވެ.
2017 ވަނަ އަހަރު އުތުރު ކޮރެއާއިން ޓެސްޓުކުރި ވާސޮންގ-15 މަރުކާގެ ބެލިސްޓިކް މިސައިލްއަކީވެސް 'ސުޕަރ ހެވީ ނިއުކްލިއަރ ވާރހެޑް’ތައް އުފުލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. އަދި މި މިސައިލަކީ ބޭނުން ކޮންމެވަގުތަކު އެމެރިކާގެ ކޮންމެ ހިސާބަކަށްވެސް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ. އެހެންކަމުން 2017 ވަނަ އަހަރު ޓެސްޓް ކޮށްފައިވާ މިސައްލަށްވުރެ އެތައްގުނައެއް ބޮޑު މި މިސައިލަށް އެންމެ ރޮކެޓް ލޯނޗަރއެއް ބޭނުންކޮށްގެ ފަސޭހަ ކަމާއިއެކު އެމެރިކާގެ ހުރިހާ ހިސާބަކަށްވެސް ހަމަލާ ދިނުމުގެ ގާބިލަކްން ލިބިގެން ދާނެއެވެ.
މި ޕެރޭޑުގައި އަތުރާލެވިފައިވާ އުތުރު ކޮރެއާގެ އަސްކަރިއްޔާއަށް ނިސްބައްތްވާ ޓޭންކްތަކާއި މިސައިލްތަކުގެ ކުރިމަތީ ހުންނަވާއިގެން ގައުމާއި މުހާތަބްކުރައްވާ ވާހަކަ ދައްކަވަމުން އެގައުމުގެ ލީޑަރ ކިމް ޖޮންގ އަންގ ވަނީ އެގައުމުގެ އަސްކަރިއްޔާއަށް ތައުރީފް ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ އަސްކަރިޔާގެ އަބަދުވެސް އޮންނާނީ އުތުރު ކޮރެއާގެ ރައްޔިތުންގެ ދިފާއުގައި ކަމުގައެވެ.