މިނިމަމް ވޭޖް މުރާޖައާ ކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރު ނިމުމުގެ ކުރިން ނިންމާލަން މަސައްކަތް ކުރަނީ

މިނިމަމް ވޭޖް މުރާޖައާ ކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރު ނިމުމުގެ ކުރިން ނިންމާލަން މަސައްކަތް ކުރަނީ

Author
ހުސައިން
23 ޖޫން 2025 10:25
0

ރާއްޖޭގެ މިނިމަމް ވޭޖް މުރާޖައާކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ، ގާނޫނުގެ ދަށުން ފުރަތަމަ މިނިމަމް ވޭޖު ކަނޑައެޅުނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު 8 ގައި ކަމަށާއި، އޭގެ ފަހުން މިނިމަމް ވޭޖު މުރާޖައާ ކުރަންޖެހުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 8 ގައި ކަމަށެވެ.

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ ދެ އަހަރަކުން މިނިމަމް ވޭޖް މުރާޖައާ ކުރަންޖެހޭއިރު، ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިނިމަމް ވޭޖް މުރާޖައާ ނުކުރެވި ލަސްވެފައިވާ ކަމަށް މެންބަރު މައުރޫފު ޒާކިރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީގެ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ، މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މި މަސައްކަތް ފެށުމަށްޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި، 2024 ވަނަ އަހަރުގެ ޖުލައި 3 ގައި އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކުރެވުނު ކަމަށެވެ.

ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އާ ބޯޑާ ހިއްސާކުރުމަށް ވަގުތު ބޭނުންވި ކަމަށާއި، މިނިމަމް ވޭޖުގެ މަސައްކަތުގައި އުޅުއްވި ޓެކްނިކަލް ގިނަ ބޭފުޅުން އެކި ސަބަބުތަކާހުރެ މަސައްކަތާ ދުރަށް ގޮސްފައިވާތީ، މިފަދަ މަސައްކަތަކަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާ އާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖް ރިވިއު ކުރުމަށް ކަމަށާއި، އެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.