ކަލަންޑަރާއި އެއްގޮތަށް މިމަހުގެ 10 ގައި ކިޔެވުން ފަށަން ތައްޔާރުވެއްޖެ

ކަލަންޑަރާއި އެއްގޮތަށް މިމަހުގެ 10 ގައި ކިޔެވުން ފަށަން ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2021 03:50
0

އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާގޮތަށް ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅާފައިވާގޮތަށް 10 ޖެނުއަރީގައި ސްކޫލްތަކުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކިޔެވުން ފެށޭނީ އެލް.ކޭ.ޖީއިން ފެށިގެން ގްރޭޑް 12ގެ ހުރިހާ ދަރިވަރުންނަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ހަދާފައިވާ އުސޫލުތަކާއި އެއްގޮތަށް ދެވަނަ ޓާމްގެ ކިޔަވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ. މިނިސްޓްރީއިން މައުލޫމާތުދެއްވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ކަމާ ގުޅޭ ފަރާތްތަކާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަޝްވަރާކުރުމަށްފަހުގައެވެ.

ސްކޫލްތައް ހުޅުވާ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމިއިރު މިފަހަރު ސްކޫލްތަކުގެ ކިޔެވުން މިދިޔަ ޓަރމާ ހިލާފަށް ހަފްތާގެ 5 ދުވަހުވެސް ކުރިޔަށްދާނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތުދެއްވާފައެވެ. އަދި އެއް ސްކޫލުގެ ހާލަތު އަނެއް ސްކޫލްއާއި ތަފާތުވާ ހާލަތްތައް އަންނައިރު، ސްކޫލްގެ ހާލަތަށް ބަލައި ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްދާނެ ގޮތުގެ މައުލޫމާތު ހޯއްދެވުމުގައި ބެލެނިވެރިން އިތުރަށް ސަމާލުކަން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓްރީން މިކަން ހާމަކުރައްވާފައިވާއިރު އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.