ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އަމީން

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އަމީން

ގުޅުންހުރި

ކުޅުދުއްފުށީ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ޔަޤީންކަންދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭބުނާނަން" ޕްރޮގްރާމުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އެއަރޕޯޓުގެ މަސައްކަތް ފެށުމަށް ބޭނުންވާ އިންޓަރނަލް ޕްރޮސެސްތައް މިހާރު ފުރިހަމަވެފައިވާ ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސައްކަތް ލަސްވި ސަބަބުތަކުގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ދައުލަތުގެ މާލީ ހާލަތާއި، އެއަރޕޯޓަށް ބޭނުންވާ އިކުއިޕްމެންޓްތައް ހޯދުމުގައި ދިމާވި ގޮންޖެހުންތަކެވެ. އެހެންނަމަވެސް މިހާރު އެއަރޕޯޓް ޓަރމިނަލް، ފެންސް އަދި ސެކިއުރިޓީއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުތުރުގެ ދަތުރުފަތުރުގެ މުހިންމު މަރުކަޒެއް ކަމުގައިވާ ކުޅުދުއްފުށީ އެއަރޕޯޓުގެ ތަރައްޤީގެ މަސައްކަތް ނިމުމުން، ހދ. އަތޮޅާއި އުތުރުގެ އެހެން ސަރަހައްދުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ފުޅާ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނުގެ ތެރޭގައި ހުޅުވައިދެއްވި ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިޔުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެއަރޕޯޓުގެ މަސައްކަތް އޭރު ފުރިހަމައަށް ނުނިމި ހުރުމުގެ ސަބަބުން، މިހާރު ސަރުކާރުން އެތަނުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ