އެމެރިކާގެ ހަމަލާތަކުން، އިރާނުން ހުޅަނގާއެކު ބާއްވަމުންދާ ގުޅުންތަކަށް އިއާދަ ނުކުރެވޭނޭ ބަދަލުތަކެއް އަންނަނާމެ: އިރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާގެ ހަމަލާތަކުން، އިރާނުން ހުޅަނގާއެކު ބާއްވަމުންދާ ގުޅުންތަކަށް އިއާދަ ނުކުރެވޭނޭ ބަދަލުތަކެއް އަންނަނާމެ: އިރާނުގެ ޚާރިޖީ ވަޒީރު

ގުޅުންހުރި

އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކުގެ ސަބަބުން ދާއިމީ ބަދަލުތަކެއް އަންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ މިއަދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ މަރުކަޒުތަކަށް ކަމަށާއި، އެ ހަމަލާތަކުން އިޔާދަނުކުރެވޭ ފަދަ ގެއްލުމެއް ނުލިބޭ ކަމަށް އީރާނުގެ ފަރާތުން ބުނެފައިވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއް ކަމަށްވާ އެމެރިކާއިން ދިން މި ހަމަލާއަކީ އދ.ގެ ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އަރަޣުޗީ ވިދާޅުވިއެވެ. "އީރާނުގެ އިސްތިގުލާލާއި މަސްލަހަތާއި ރައްޔިތުން ދިފާއު ކުރުމަށް ހުރިހާ އިޚްތިޔާރުތަކެއް ގައުމަށް ލިބިފައިވޭ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ހަމަލާތަކަށް އީރާނުން ދޭން އެކަށީގެންވާ ތިން ރައްދެއްގެ ވާހަކަ ތެހެރާންގެ ސެންޓާ ފޯ މީޑިއަލް އީސްޓް ސްޓްރެޓެޖިކް ސްޓަޑީޒްގެ ސީނިއާ ރިސާޗް ފެލޯ އަބާސް އަސްލާނީ ފާހަގަކުރައްވާފައިވެއެވެ.

ފުރަތަމަ ގޮތަކީ ލިބުނު ގެއްލުމުގެ މިންވަރަށް ބަލައި ކުޑަ ރައްދެއް ދިނުން ކަމަށާއި، ނަމަވެސް ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ އިތުރުން މިއީ އެމެރިކާއިން އީރާނާއެކު ސީދާ ހަނގުރާމައަށް ވަނުން ކަމުގައި އަސްލާނީ ވިދާޅުވިއެވެ. "މި އަމަލަށް ރައްދުދޭނެ ކަމުގެ އިންޒާރު އީރާނުން ކުރިން ދީފައި އޮތީ،" އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނަ ގޮތަކީ ހަނގުރާމައަކަށް ދިއުން ކަމަށާއި، އީރާނުން އެމެރިކާއާއި އިސްރާއީލަށް ސީރިއަސް ހަމަލާތަކެއް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އަސްލާނީ ވިދާޅުވިއެވެ. މި ހަމަލާތަކުގައި އިސްރާއީލުގެ ނިއުކްލިއާ ސައިޓްތައް ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި އެކި އަމާޒުތަކަށް ހަމަލާދިނުމާއި، އީރާނަށް ވާގިވެރިވާ ގައުމުތަކުގެ އެހީތެރިކަން ލިބިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިންވަނަ ގޮތަކީ ދުނިޔޭގެ ތެޔޮ ދަތުރުފަތުރުގެ މުހިއްމު މަގެއް ކަމަށްވާ ހަމުޒް ކަނޑުއޮޅި ބަންދު ކުރުން ކަމަށް އަސްލާނީ ފާހަގަކުރެއްވިއެވެ. މި ކަނޑުއޮޅިއަކީ ދުވާލަކު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ތެޔޮ ބަރުކޮށްގެން ބޯޓުތައް ދަތުރުކުރާ މަގެކެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވަން ފެށީ މިމަހުގެ 13ގައި އިސްރާއީލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި އަސްކަރީ ލީޑަރުންނަށް އަމާޒުކޮށް ކުއްލި ހަމަލާތަކެއް ދިނުމުންނެވެ. އޭގެ ފަހުން އީރާނުން އިސްރާއީލަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ފަހުގެ ތާރީޚެއްގައި ނުލިބޭ ފަދަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން އިސްރާއީލަށް ތާއީދުކޮށް، އިސްރާއީލުން ހަމަލާ ދެނީ އަމިއްލަ ދިފާއުގައި ކަމަށް ބުނެފައިވާއިރު، މި ހާދިސާތަކުން މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ފުޅާވެ، ސަރަހައްދީ ފުރިހަމަ ހަނގުރާމައަކަށް ބަދަލުވުމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ އިންޒާރު ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ