ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލި ފަރާތްތަކުގެ އިންޓަވިއުން ލިބުނު މާކްސް ހާމަނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ނޫހަކުން އެ މައުލޫމާތު ހޯދުމަށް އެދުމުން ޖޭއެސްސީގެ ފަރާތުން ވިދާޅުވީ، ކުރިމަތިލި ފަރާތްތަކަށް ލިބުނު މާކްސްތަކަކީ އެ ފަރާތްތަކުގެ ޒާތީ މައުލޫމާތަށް ވާތީ، އެ ތަފްސީލު ހާމަކުރެވެން ނެތްކަމަށެވެ.
ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކި ކުރުމާއި ގުޅިގެން ހުސްވި ދެ މަޤާމަށް 12 ފަރާތަކުން ކުރިމަތިލައްވާފައިވެއެވެ. އޭގެތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރުގެ ރައީސް އަބްދުލްޣަނީ މުހައްމަދާއި، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
އަދި ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތާއި، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދާއި، ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި، އިބްރާހިމް އަލީ (ގ. އަންމޯލް) އާއި މުހައްމަދު އިބްރާހިމް (ގއ. ކޮނޑޭ ދާރުއްސަލާމް) ވެސް ކުރިމަތިލައްވާފައިވެއެވެ.
އިންޓަވިއު ބާއްވައި، ކުރިމަތިލި ފަރާތްތައް ވަޒަންކުރުމަށްފަހު، ޖޭއެސްސީން ނިންމީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށެވެ. މި ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ މި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުން ފާސްކޮށް، މިހާރު މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ހުވާކުރައްވާފައިވެއެވެ.