އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ ތިން ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް

އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ ތިން ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް

Author
ހުސެއިން
21 ޖޫން 2025 11:25
0

އިރާނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ހަމަލާތަކުގައި އެ ގައުމުގެ ތިން ހޮސްޕިޓަލަކަށް ސީދާ ހަމަލާދީ، ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އިރާނުގެ ސިއްޙީ އިދާރާތަކުން ބުނެފިއެވެ.

އިރާނުގެ ސިއްޙީ ވުޒާރާގެ ނައިބު ވަޒީރު އަލީ ޖަފަރިއާން ހާމަކުރެއްވި ގޮތުގައި، އިޒްރޭލުގެ ފަރާތުން ދިން ހަމަލާތައް ސީދާ އަމާޒުކޮށްފައި ވަނީ އާންމުންނަށް ޚިދުމަތް ދޭ ތިން މުހިންމު ހޮސްޕިޓަލަކަށެވެ. މި ހަމަލާތަކުގެ ސަބަބުން ހަރްމަންޝާހް ހޮސްޕިޓަލަށް ވަނީ ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަނުގައި ތިބި ބަލިމީހުންނާއި މުވައްޒަފުން ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަފަރިއާން އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ ސިއްޙީ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގްވާމީ ރެޑްކްރޮސް ޖަމްޢިއްޔާ ފަދަ މުއައްސަސާތަކުން އިޒްރޭލަށް ބާރު އަޅައި، މިފަދަ ސިއްޙީ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް ގޮވާލަން ޖެހޭ ކަމަށެވެ. ނަމަވެސް ޣައްޒާގައި ހިނގި ކަންކަމުގައި އެ ޖަމްޢިއްޔާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅި ތިބުމުން، މި މައްސަލައިގައި ވެސް އެ ފަރާތްތަކުން ޢަމަލީ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އުންމީދެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު އިރާނުން އިޒްރޭލަށް ދިން ހަމަލާއެއްގައި، ބީރްޝެބާ ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކަށް ވެސް އަސަރު ކުރިކަން ފާހަގަކުރެވެއެވެ. އިރާނުގެ ފަރާތުން ބުނި ގޮތުގައި، އެ ހޮސްޕިޓަލަށް ގެއްލުން ލިބުނީ އެ ސަރަހައްދުގައި ހުރި އަސްކަރީ މަރުކަޒަކަށް އަމާޒުކުރި މިސައިލެއްގެ ސަބަބުން އުފެދުނު ކަރަންޓުގެ އަސަރުންނެވެ.

އިޒްރޭލުން މިއަދު އިރާނުގެ އިސްފަހާނުގައި ހުރި ނިއުކްލިއަރ ތަރައްޤީގެ މަރުކަޒަކަށް ވެސް ވަނީ ހަމަލާ ދީފައެވެ. މި ހަމަލާތަކުގެ ތެރެއިން 650 އަށް ވުރެ ގިނަ އިރާނު ރައްޔިތުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި 400 އަށް ވުރެ ގިނައީ އާންމު ރައްޔިތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސިއްޙީ މަރުކަޒުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު ޢަމަލެއް ކަމުގައި ވީނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާގެ ތާރީޚަށް ބަލާއިރު މިފަދަ ތަންތަނަށް ހަމަލާދިނުމުގެ ގިނަ މިސާލުތައް ފެނިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.