ހުޅުމާލޭ އިންޖީނުގޭގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފިއުލް ސްޓޯރޭޖް ޓޭންކްތައް ޑިޒައިންކޮށް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީން ފުރިހަމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ޓޭންކްތަކަށް އިތުރު ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޮންކްރީޓް ފަށަލައެއް އެޅުމާއި، ދެ ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުން ހިމެނެއެވެ.
މި މުހިންމު މަސައްކަތް ނިމުމުން ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މީގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ރަނގަޅު ފެންވަރުގެ ކަރަންޓުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު ރާއްޖޭގެ ތަރައްޤީގެ މުހިންމު ދަނޑިވަޅެއްގައި އުފެދިފައިވާ ކުންފުންޏެކެވެ. ފާއިތުވި 44 އަހަރު ދުވަހުގެ ތެރޭގައި މި ކުންފުނިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ޤާއިމުކުރުމުގައި އެމްޓީސީސީން އަދާކުރަމުންދާ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ.
ކޮމެންޓު ފޮނުވާ