4000 ފްލެޓް: ޖުލައި މަހު ހައްގުވެރިންނާ ހަވާލުކުރަން ފަށާނެ

4000 ފްލެޓް: ޖުލައި މަހު ހައްގުވެރިންނާ ހަވާލުކުރަން ފަށާނެ

Author
ހުސައިން
19 ޖޫން 2025 08:16
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ 4000 ފްލެޓުގެ މަޝްރޫއުގެ ދަށުން، ނިމޭ ފްލެޓުތައް ޖުލައި މަހުގެ ތެރޭގައި ރައްޔިތުންނަށް ހަވާލުކުރަން ފެށޭނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްރޫއުގެ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ކުރިއަށްގެންދާ މި މަޝްރޫއުގައި ޖުމްލަ 32 ޓަވަރެއް އިމާރާތްކުރަމުން ދާއިރު، އިންޑިއާގެ ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައިވެއެވެ. ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 16 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދާއިރު، ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން (އެންބީސީސީ) އިން އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދެއެވެ.

މިނިސްޓަރ މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މިހާރު ސަރުކާރު ހަވާލުވިފަހުން މަސައްކަތުގެ ސްޕީޑަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމުމާ ގާތްވެފައިވާތީ، ޖުލައި މަހުގެ ތެރޭގައި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކާ އެގްރިމެންޓު ހަދައި، ފްލެޓުތަކަށް މީހުން ވެއްދުން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހަގީގަތުގައި ސަރުކާރު ހަވާލުވިއިރު މަސައްކަތް ހުރިވަރާ ބަލާއިރު، ބާރަށް މަސައްކަތް ކުރިއަށް ގެންގޮސް ބައެއް ޓަވަރުތަކުގެ މަސައްކަތް މިހާރު ނިމިފައިވޭ. އަޅުގަނޑުމެންނަށް ޖުލައި މަހުގެ ތެރޭގައި ކޮންޓްރެކްޓު ހެދެމުންދާ މިންވަރަކުން ޓަވަރުތަކަށް މީހުން ވެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މަޝްރޫއުގެ ސަރަހައްދަށް ވަޑައިގަތީ، މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބައްލަވާލެއްވުމަށާއި، ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސަރުކާރުގެ އަމާޒު ހާސިލުކުރުމަށް ހިތްވަރުދިނުމަށެވެ. ރައީސް ވަނީ ފްލެޓުތަކުގެ މަސައްކަތް ނިމޭ ވަރަކުން، ޝަރުތު ހަމަވާ ފަރާތްތަކަށް ހަވާލުކުރުމަށް އިރުޝާދު ދެއްވާފައެވެ.

މި މަޝްރޫއަކީ ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އިއުލާނުކުރި މަޝްރޫއެކެވެ. ޓްރާންސިޝަންގެ މުއްދަތުގައި ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އިއުލާނުކުރި ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ލިސްޓުގައިވާ މައްސަލަތައް ހައްލުކޮށް، ހައްގުވެރިންނަށް ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

މިނިސްޓަރ މުއްތަލިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފެނާއި ކަރަންޓުގެ ހިދުމަތްތައް ގުޅައިދިނުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އިން ކުރިއަށްގެންދާނެއެވެ. އެހެންނަމަވެސް މިނިސްޓަރ ވިދާޅުވީ، މަސައްކަތްތައް ނިމުމާ ގާތްވެފައިވީ ނަމަވެސް، ފިނިޝިންގެ މަސައްކަތް ނިމިފައިވާ އެއްވެސް ފްލެޓެއް މިހާތަނަށް ނެތްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.