ރާއްޖޭގެ ހުރިހާ ރަށަކަށް 2026 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަނޑުދަނޑިއެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ހާލަތަށް ބަލާއިރު މި ލަނޑުދަނޑި ހާސިލު ކުރެވޭނެ ކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދާތީ، އެ އެއްބަސްވުންތައް ބާޠިލުކޮށް މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކުރީގެ މަޝްރޫއުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ނުހޯދައި ޑިޒައިން ފައިނަލް ނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިވުމާއި، ޓެންޑަރ ބޯޑުގެ ހުއްދަ ނުހޯދައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިވުން ހިމެނޭ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
މިހާރު އެމްޑަބްލިއުއެސްސީން މި މައްސަލަތައް ހައްލުކޮށް، ބޭނުންވާ ހުއްދަތައް ހޯދައި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު މަޢުލޫމާތު ދެއްވިއެވެ. "2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސް ނިންމަވާފައިވާ ނިންމުން ތަންފީޒުވާނެ ގޮތަށް މަސައްކަތް ކުރިއަށްދަނީ،" ވަޒީރު ވިދާޅުވިއެވެ.
2010 ވަނަ އަހަރުން ފެށިގެން އެކި ރަށްތަކުގައި ހިއްކާފައިވާ ބިންތަކުގައި އަދިވެސް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ ކަމަށް ފާހަގަކުރައްވަމުން، މި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޚާއްޞަ ޕްރޮޖެކްޓެއް ހިމަނާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް ކުރިއަށްގެންދާނީ ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކަމަށް ވަޒީރު ސާފުކޮށްދެއްވިއެވެ.
"އެފަދަ މަޝްރޫއަކަށް ބޭނުންވަނީ ބޮޑު އިންވެސްޓްމަންޓެއް. ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދަނީ،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ބައެއް ރަށްރަށުގައި ކޮންޓްރެކްޓަރުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ނުލިބުމުގެ ސަބަބުން ޚިދުމަތް ފެށިފައި ނުވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގަވާއިދުތައް ލުއިފަސޭހަކޮށް، މި ޚިދުމަތްތައް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ