ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ތިން މަހަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ހޯދައިދޭ ސްމާޓް ކާޑެއް ވިއްކާކަމަށް ބުނެ ހިންގަމުންދާ ސްކޭމަކާ ގުޅިގެން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އިން އިލްތިމާސް ކޮށްފިއެވެ.
މި ސްކޭމް ހިންގަމުންދަނީ "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ގެ ނަމުގައި ހެދިފައިވާ ފޭސްބުކް ޕޭޖަކުންނެވެ. އެމްޓީސީސީން ސާފުކޮށްދިނީ މި ޕޭޖާއި އެ ކުންފުންޏާ ނުވަތަ އާރްޓީއެލްއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ކުންފުނިން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފު ކުރާއިރު، ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުންނާއި އެހެނިހެން މީޑިއާތަކުން ކުރިން އެކަމުގެ ރަސްމީ އިއުލާން ކުރާނެއެވެ. ވީމާ، އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި ފޮނުވާ ލިންކްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށާއި، އެފަދަ ފަރާތްތަކާ ފައިސާގެ މުއާމަލާތް ނުކުރުމަށް ކަސްޓަމަރުންނަށް ނަސޭހަތްތެރިވިއެވެ.
މިދުވަސްވަރު ސަރުކާރުގެ އެކި މުއައްސަސާތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހައުސިން ފޯމު ހުށަހެޅުމަށް ބުނެ ސްކޭމް މެސެޖުތައް ފޮނުވަމުންދާއިރު، އެމްއެޗްސީއެލް ކިޔާ ނޭނގޭ ފަރާތަކުން ޕޯސްޓުގެ ނަމުގައިވެސް މިފަދަ ސްކޭމްތައް ހިންގަމުންދެއެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި އެންޓި ސްކޭމް ސެންޓަރުން އިރުޝާދު ދީފައިވަނީ، ނޭނގޭ ލިންކްތަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށެވެ. ހަމައެއާއެކު، ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުކަން ބޭނުންކުރުމަށާއި، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ