މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި ސީ-ޓު-އެއަރ ކާގޯ ޚިދުމަތަށް މިހާރު 17 ބައިނަލްއަޤްވާމީ އެއަރލައިންއަކުން ގުޅިއްޖެއެވެ. 2024 ވަނަ އަހަރުގެ މެއި 15 ގައި ޓާކިޝް އެއަރލައިންސް އާއެކު ފެށުނު މި ޚިދުމަތް، އެއް އަހަރު ފުރިހަމަވާން ކައިރިވެފައިވާއިރު ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އެމްއޭސީއެލް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ފަށާފައިވާ މި ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ ރައްކާތެރިކަމާއެކު ވައިގެ މަގުން އަވަހަށް ބޭނުންވާ ތަންތަނަށް ފޯރުކޮށްދޭ ޚިދުމަތެކެވެ. މިއީ ރާއްޖޭގައި މުޅިން އައު ޚިދުމަތެއްގެ ގޮތުގައި މިހާރުގެ ސަރުކާރުން ތަޢާރަފްކުރި ޚިދުމަތެކެވެ.
މި ޚިދުމަތް މެދުވެރިކޮށް ރާއްޖެއިން ފޮނުވާ ކާގޯ މިހާރު ދުނިޔޭގެ 23 މަންޒިލަކަށް ފޮނުވޭކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ފާއިތުވި އެއް އަހަރުގެ ތެރޭގައި ޖުމްލަ 2 މިލިއަން ކިލޯގެ ކާގޯ އުފުލާފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް މިލިއަން ޑޮލަރު ވަދެފައިވާކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ސަރުކާރުން ވިދާޅުވާއިރު، މިފަދަ ޚިދުމަތަކީ ދުނިޔޭގެ އެތައް ޤައުމެއްގައި ހިންގަމުންދާ އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑު މަންފާތަކެއް ކުރަމުންދާ ޚިދުމަތެއްކަން ފާހަގަކުރެވެއެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ތަރައްޤީވެ، އިޤްތިޞާދީ ފުރުޞަތުތައް އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ