ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވެއެވެ.
އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވް 217.88 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ އޭޕްރީލް މަހު ހުރި 171.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 46.58 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
މިފަދަ ހެޔޮ ބަދަލެއް ބޭނުންކުރެވޭ ރިޒާވަށް އައިސްފައިވީނަމަވެސް، ރަސްމީ ރިޒާވް އޭޕްރީލާ އަޅާބަލާއިރު ކުޑަވެފައިވާކަން ފާހަގަކުރެވެއެވެ. އޭޕްރީލް މަހު 865.34 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް، މޭ މަހުގެ ނިޔަލަށް 815.82 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މިއީ 5 ޕަސެންޓްގެ ދަށްވުމެކެވެ.
ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ ބޮޑު ބައެއް ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކުމަށް ޤާނޫނީ ގޮތުން ލާޒިމްކުރުން ހިމެނެއެވެ.
ކުރިން ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާގެ 60 ޕަސެންޓް އެމްއެމްއޭ އަށް ވިއްކަން ޖެހުނު ނަމަވެސް، ޖޫން 1 ވަނަ ދުވަހުން ފެށިގެން މި މިންވަރު 90 ޕަސެންޓަށް އިތުރުކޮށްފައިވެއެވެ. މި ފިޔަވަޅަކީ ރިޒާވް އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީ ގައި ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. ކުރިން ރޭޓިން ދަށްކުރިއިރު، ދައުލަތުގެ ރިޒާވަށް ދިމާވެފައިވާ ދަތިތައް ބައިނަލްއަޤްވާމީ އިދާރާތަކުން ފާހަގަކޮށްފައިވާއިރު، މިހާރު ރިޒާވަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއެކު، އާންމު އިޤްތިޞާދީ ހާލަތު ރަނގަޅުވުމުގެ އުންމީދު ބޮޑުވަމުންދާކަން އިޤްތިޞާދީ ތަޖުރިބާކާރުން ފާހަގަކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ