މިނިވަންކަމުގެ 60 ވަނަ އަހަރު: ޚާއްސަ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

މިނިވަންކަމުގެ 60 ވަނަ އަހަރު: ޚާއްސަ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފާހަގަކުރަނީ

Author
ހުސައިން
14 ޖޫން 2025 02:50
0

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މިއަހަރުގެ ޖުލައި 26 ގައި ފާހަގަކުރާ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވުޒާރާއިން ތަފާތު ޕްރޮގްރާމްތަކެއް ތައްޔާރުކުރަމުން ދާކަމަށެވެ. އޭގެތެރޭގައި ޤައުމީ ދިފާއީ ބާރުތަކުން ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކާއި، މާލެ ސަރަޙައްދުގައި ބާއްވާ ފުޅަނދުބުރު ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މާލެއާއި ހުޅުމާލޭގައި އިތުރު ހަރަކާތްތަކެއްވެސް ހިނގާނެއެވެ. ޓީވީ ރޭޑިއޯ މެދުވެރިކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ޝައުޤުވެރި ޕްރޮގްރާމްތައް އާންމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ،" ވަޒީރު ވިދާޅުވިއެވެ.

މިނިވަން ދުވަހާ ގުޅޭ ތާރީޚީ މަޢުލޫމާތު އާންމުކުރުމުގެ އިތުރުން، ދިވެހިންގެ މިނިވަންކަމުގެ ތާރީޚް އައު ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ވަޒީރު އިތުރަށް ފާހަގަކުރެއްވިއެވެ. "ދިވެހިންގެ ތާރީޚާއި ތަރިކައާއި އަސަރުތައް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ،" ވަޒީރު ވިދާޅުވިއެވެ.

60 ވަނަ މިނިވަން ދުވަހަށް ޚާއްސަ ލޯގޯއެއް ތައްޔާރުކުރުމަށް ވުޒާރާއިން މިހާރު ވަނީ އިޢުލާނު ކޮށްފައެވެ. މި ލޯގޯ ޑިޒައިންކުރާނެ ފަރާތެއް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

ފާއިތުވި އަހަރު ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ދުވަހުގެ ފުޅަނދުބުރާއި ކުޅިވަރު މުބާރާތްތަކާއި ރިސެޕްޝަން ފަދަ ބައެއް ހަރަކާތްތައް ކެންސަލްކޮށްފައިވީނަމަވެސް، މިއަހަރު މި ހަރަކާތްތައް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ވަޒީރުގެ ވާހަކަފުޅުން ދޭހަވެއެވެ.

ދިވެހިރާއްޖެއަށް ބޭރު ބާރުތަކުގެ ވެރިކަމުން މިނިވަންކަން ލިބުނު 1965 ވަނަ އަހަރުގެ ޖުލައި 26 އިން ފެށިގެން މިއަހަރު 60 އަހަރު ފުރިހަމަވާއިރު، މި މުހިންމު ދުވަސް ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގައި ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.