2025 ވަނަ އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ އެންމެހައި އަތޮޅުތަކުގައި އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ކުންފުނިން މަސައްކަތްތައް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ވާހަކަދައްކަވަމުން ސައުދީ ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އާރުޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ. މިކަމަކީ ކަނޑުމަގުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އަގުހެޔޮ އަދި ލުއިފަސޭހަ ދަތުރުފަތުރުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބޮޑު މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި ޖުމްލަ 56 އުޅަނދު ބޭނުންވާނެ ކަމަށް ސައުދީ ހާމަކުރެއްވިއެވެ. އަދި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދިން 100 މިލިއަން ރުފިޔާގެ އެހީގެ ބޭނުން ހިފައިގެން އިތުރު އުޅަނދުތައް ބަންނަމުންދާ ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.
އެންމެ އަވަހަށް މި ޚިދުމަތް ފެށޭނީ ރ. އަތޮޅުގައި ކަމަށާއި، އޭގެ ފަހުން ބ. އަތޮޅުގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސައުދީ ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅުގައި، "އިންޑިއާ ސަރުކާރުގެ ފަރާތުން ލިބުނު 100 މިލިއަން ރުފިޔާ ޚާއްޞަކޮށް އާރުޓީއެލް މަޝްރޫޢަށް ބޭނުންކުރުމަށް ނިންމައި، އިތުރު އުޅަނދުތައް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދަނީ" ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް ނުވަ އަތޮޅެއްގެ 81 ރަށް އާރުޓީއެލް ފެރީ ނިޒާމުގައި ޝާމިލުކޮށްފައިވާއިރު، މި ޖެނުއަރީ މަހު ރ. އަތޮޅުގައި އަދި ފެބްރުއަރީ މަހު ބ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.
ދިވެހިރާއްޖޭގައި އާރުޓީއެލް ފެރީ ޚިދުމަތް ތަޢާރަފުކުރަނީ ތިން މަރުޙަލާއަކަށް ބަހާލައިގެން ހަ ސަރަހައްދެއްގައި ކަމަށްވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ ދަތުރުފަތުރުގެ ޚަރަދު ކުޑަކޮށް، ވަގުތު ސަލާމަތްކޮށްދިނުމާއެކު، އަތޮޅުތެރޭގެ އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް މަގުފަހިވާނެ މުހިންމު ޤައުމީ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ