ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސީސީގައި ދަމަހައްޓައިފި

ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސީސީގައި ދަމަހައްޓައިފި

Author
ހުސައިން
12 ޖޫން 2025 01:02
0

ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގް އޭޖެންސީ ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް "ސީސީ" ގައި ދަމަހައްޓާފައިވާއިރު، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ރާއްޖެ ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް އެ އޭޖެންސީން ފާހަގަކޮށްފިއެވެ.

ފިޗް އިން ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުން، ރާއްޖޭގައި ދެމެހެއްޓެނިވި ބޭރު އަދި ފިސްކަލް ބަލިކަށިކަން ހުރުމުގެ ސަބަބުން ސަރުކާރުގެ ދަރަނި އަދާކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. މި ހާލަތު މިހެން ހުރިއިރުވެސް، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 2025 ވަނަ އަހަރުގެ އޭޕްރީލް މަހު 856 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ފިޗް އިން ފާހަގަކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް 371 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މިހާރު ރިޒާވް އިތުރުވެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ސްވޮޕް އެރޭންޖްމަންޓެއްގެ ދަށުން ފައިސާ ދޫކޮށްފައިވުމުންނާއި، ޓޫރިޒަމް ވިޔަފާރިތަކުން ލިބޭ ބޭރު ފައިސާގެ 20 ޕަސަންޓް ރުފިޔާއަށް ބަދަލުކުރުމަށް ފޮރިން ކަރަންސީ އެކްޓްގެ ދަށުން ލާޒިމު ކުރުމުންނެވެ.

ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ މިންވަރު ބޮޑުތަނުން އިތުރުވާނެކަމަށް ފިޗް އިން ލަފާކުރެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ދެވަނަ ބައިގައި 688 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭއިރު، 2026 ވަނަ އަހަރު 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭނެއެވެ. 2026 ވަނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކް ދަރަނިވެސް ހިމެނޭކަމަށް ފިޗް އިން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބަޖެޓް ޑެފިސިޓް 2025 ވަނަ އަހަރު ޖީޑީޕީގެ 14.5 ޕަސަންޓަށް އިތުރުވާނެކަމަށް ފިޗް ރޭޓިންގްސް އިން ލަފާކޮށްފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ނާޒުކުވަމުންދާކަން ދައްކުވައިދޭ އިތުރު ހެއްކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.