ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި

ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި

Author
ހުސައިން
11 ޖޫން 2025 11:37
0

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފިއެވެ. ޚިދުމަތް ޖަމިއްޔާގެ ވަފްދަކާ އެކު މެލޭޝިއާ އެއާޕޯޓަށް ވަޑައިގެންނެވި ޝައިޚް ފަރީދަށް ނޭވާލުމުގެ ދަތިކަން ކުރިމަތިވެ މެލޭޝިއާ އެއަރޕޯޓުގައި ނިޔާވީ މިހަފްތާގެ ހޯމަ ދުވަހުއެވެ.

ޝައިޚް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގައެވެ. ކަށުނަމާދު ކުރެއްވުމުގައި އިމާމުކަން ކުރެއްވީ ޝައިޚް ފަރީދުގެ ކޮއްކޮ އަދި ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދެވެ. ޖަނާޒާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އިތުރުން އެތައް ސިޔާސީ ބޭފުޅުންނާއި ދިވެހި ދީނީ ޢިލްމުވެރިންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ބޮޑު ޖަމާޢަތެއް ބައިވެރިވިއެވެ.

އާއިލާއިން ކުރެއްވި މަސައްކަތްތަކުގެ ބައެއްގެ ގޮތުން ޝައިޚްގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި ނަމަވެސް، މެލޭޝިއާއިން ހަށިގަނޑު ގެންނަ ނަމަ ޕޯސްޓްމޯޓަމް ހެދުން ލާޒިމުވާތީ އާއިލާއިން އެކަން ނުކުރައްވަން ނިންމެވީއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ފަރާތްތަކުން ޝައިޚް ފަރީދުގެ މައްޗަށް ޣައިބު ކަށުނަމާދު ކުރުމަށް އެދެމުންދާތީ، މިހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިއާގައި ފަސްދާނުލައިފިނަމަ، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތަކުގައި ޣައިބު ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގަތަރުގައި ދީނީ ތަޢުލީމް ހާސިލުކުރެއްވި ޝައިޚް ފަރީދަކީ 2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދީނީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވި ބޭފުޅެކެވެ. ހަމައެހެންމެ ޝައިޚް ފަރީދަކީ ދަތިހާލުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިއްބެވި، މުޖުތަމަޢަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.