މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލެއް ނެރެފިވެއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް، މިއަދުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:30 އާ ދެމެދުގެ ވަގުތަށެވެ.
މޫސުމާބެހޭ އިދާރާއިން ވިދާޅުވި ގޮތުގައި، މި މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެކަމަށް އަންދާޒާ ކުރެވެއެވެ. މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު އޮތްކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ފާހަގަކުރެއެވެ.
މޫސުމާބެހޭ އިދާރާއިން އިލްތިމާސް ކޮށްފައިވަނީ، މި ސަރަހައްދުތަކުގެ އެންމެހާ ފަރާތްތަކުން، ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށެވެ. ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުން މި ކަންކަމަށް ސަމާލުވެ، ދަތުރުތައް ރާވާއިރު މޫސުމުގެ ހާލަތަށް ރިޢާޔަތްކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ