މަޖިލިހުގެ ޖަލްސާތައް މާދަމާ ފަށަނީ، އެޖެންޑާގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ

މަޖިލިހުގެ ޖަލްސާތައް މާދަމާ ފަށަނީ، އެޖެންޑާގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ

Author
ހުސައިން
10 ޖޫން 2025 02:53
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދާ ޚިލާފަށް ނުބޭއްވިތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، މާދަމާ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. މި ޖަލްސާގައި މުހިންމު ބިލުތަކާއި ނަންތައް ފާސްކުރުމަށް ހަމަޖެހިފައިވެ އެވެ.

މާދަމާ ބާއްވާ ޖަލްސާގައި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ހިމެނެ އެވެ. އެއީ ނ. ހެނބަދޫ، ނޫރާނީމާގެ، އަބްދުﷲ ހަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް އެވެ. މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުން ފާސްކުރާނެ އެވެ.

މި ޖަލްސާގައި ނޭޕާލަށް ދިވެހިރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ފާސްކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ. މި މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ތައްޔާރުކުރި ރިޕޯޓް މަޖިލީހަށް ހުށަހެޅޭނެ އެވެ.

އަދި ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުން ވެސް މާދަމާގެ އެޖެންޑާގައި ހިމެނިފައިވެ އެވެ.

މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ޖޫން 2 ގައި ފެށުނު ނަމަވެސް، ޖެހިގެން އައި ދުވަހުން ފެށިގެން ބޮޑު އީދު ބަންދަށް މަޖިލީހުގެ މަސައްކަތްތައް މެދުކަނޑާލައިފައިވެ އެވެ. އެގޮތުން މިދިޔަ ހަފުތާގައި އަންގާރަ އަދި ބުދަ ދުވަހު ބާއްވަންޖެހޭ ޖަލްސާތައް ނުބޭއްވި އެވެ. އީދު ބަންދަށްފަހު މިއަދު ވެސް ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ދައުރެއްގެ ތެރޭގައި ކޮންމެ ހަފުތާއަކު ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާ ބާއްވަންޖެހެ އެވެ. އެހެންނަމަވެސް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި މި ގަވާއިދަށް އަމަލުކުރެވެމުން ނުދާކަން ފާހަގަކުރެވެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުގެ ޕީއެންސީއަށް ލިބިފައިވާއިރު، މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ސަރުކާރުން ބޭނުންވާ ވަގުތުތަކުގައި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ގެންދެ އެވެ. މިކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި، ގަވާއިދުން ކުރަންޖެހޭ މަސައްކަތްތައް ލަސްވަމުންދާކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.