ޝައިޚު އިބްރާހިމް ފަރީދުގެ މައްޗަށް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރާނެ

ޝައިޚު އިބްރާހިމް ފަރީދުގެ މައްޗަށް ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރާނެ

Author
ހުސައިން
10 ޖޫން 2025 02:50
0

ދީނީ އިލްމުވެރިޔާ އަލްއުސްތާޛް އިބްރާހިމް ފަރީދު އަހުމަދު ނިޔާވުމާ ގުޅިގެން، އޭނާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މެލޭޝިޔާގެ އެއާޕޯޓެއްގައި ހުންނަވަނިކޮށް ހާލު ދެރަވެގެން އިއްޔެ ނިޔާވި ޝައިޚު ފަރީދުގެ ޖަނާޒާ، މެލޭޝިޔާގައި ބާއްވަން އޭނާގެ އާއިލާއިން ވަނީ ނިންމާފައެވެ. ފުރަތަމަ އާއިލާއިން ބޭނުންވީ ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބާއްވަން ނަމަވެސް، ޕޯސްޓްމޯޓަމް ހެދުމުގެ ކަންތައްތައް ކުރިމަތިވުމުން މެލޭޝިޔާގައި ޖަނާޒާ ކުރިއަށް ގެންދިއުމަށް ނިންމެވީއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޝައިޚުގެ ޖަނާޒާ މެލޭޝިޔާގައި ކުރިއަށް ގެންދިއުމަށް އާއިލާއިން ނިންމެވުމާ ގުޅިގެން، ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އެހެންކަމުން މި ހަފްތާގެ ހުކުރު ދުވަހުގެ ކުރިން މެލޭޝިޔާގައި ވަޅުލެވިއްޖެނަމަ، ހުކުރު ނަމާދަށްފަހު ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަނާޒާގެ ކަންތައްތައް ކުރިއަށްދާ ގޮތުގެ އިތުރު މައުލޫމާތު މިނިސްޓްރީން އިއުލާންކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ބައްދަލުވުމަކަށް މެލޭޝިޔާއަށް ވަޑައިގެން ހުންނެވި ޝައިޚު ފަރީދު، އެއާޕޯޓް ތެރޭގައި ވެއްޓިވަޑައިގަތުމުން އަވަސް ފަރުވާ ދެވުނު ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ދީނީ އިލްމު ފެތުރުމަށް އުމުރުފުޅުގެ ބޮޑުބައެއް ހޭދަކުރެއްވި ޝައިޚު ފަރީދަކީ، މިނިވަން ބަހުސްތަކުގައި ބައިވެރިވެވަޑައިގަންނަވާ، އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ފަރީދުގެ ދީނީ ހިދުމަތްތަކާއި އިލްމީ މަސައްކަތްތައް ރާއްޖޭގެ ގިނަ ބަޔަކު ހަނދާން ކުރަމުން ގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.