ރާއްޖޭގެ ޖުޑިޝަރީ ހިނގާ ގޮތް ބަލައި، ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކުރުމަށް އދ.ގެ ސްޕެޝަލް ރެޕިޔުޓާ އިން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް، މާގްރެޓް ސެޓަތްވެއިތަށް ސަރުކާރުން ރަސްމީ ދައުވަތެއް ދީފިއެވެ.
ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރި މައްސަލާގައި ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ނެގި ތުހުމަތުތަކާ ގުޅިގެން މި ދައުވަތު ދީފައިވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސޮއިކުރައްވައިގެން ފޮނުވި ސިޓީއަކުންނެވެ.
މި ސިޓީގައި މިނިސްޓަރު ވަނީ ދެ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ސަރުކާރުން އެއްވެސް ގޮތަކަށް އެކަމުގެ ތެރެއަށް ވަދެފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒެއް ފޯރުވައިފައި ނުވާ ކަމަށާއި، ބަންޑާރަ ނައިބު ތިންވަނަ ފަރާތެއް މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާއަށް މެސެޖު ފޮނުވި ކަމަށް ބުނާ ތުހުމަތަކީ ދޮގު ވާހަކަތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެހެންމެ، ފަނޑިޔާރު އަޒްމިރާލްދާއަށް އިންޒާރު ދިން ކަމަށް ބުނެފައިވާ ވާހަކައަކީ ވެސް ދޮގު ވާހަކައެއް ކަމަށާއި، މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މި ތުހުމަތުތަކަކީ ހަގީގަތާ ހިލާފު، އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާ ކަން ޔަގީންކޮށް ކަށަވަރުކުރުމަށް ރާއްޖޭގައި ނިޒާމު ހިނގާގޮތް ބައްލަވައިލެއްވުމަށް ސެޓަތްވެއިތަށް ދައުވަތު ދެއްވައިފައިވެއެވެ.
ގާނޫނުގެ ވެރިކަމާއި ގާނޫނު އަސާސީގެ އެންމެ މަތީ ބާރު ހިމާޔަތްކުރުމަށާއި، ފަނޑިޔާރުންނަށް އެއްވެސް ނުފޫޒެއް ނުފޯރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ދެމެހެއްޓުމުގައި އެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށް ސިޓީގައި ވަނީ ތަކުރާރުކޮށްފައެވެ.
ފަނޑިޔާރުންނާއި ވަކީލުންނާ ގުޅުންހުރި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އިދާރާތަކުން އަދި އެކި ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކުން ދެ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ކޮމެންޓު ފޮނުވާ