ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމަށް ކަމަށާއި، އޭގެ ސަބަބުން ކޯޓުގެ މަސައްކަތަށް ހުރަހެއް ނޭޅޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފެބްރުއަރީ 26ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރާއި، ހުސްނުއްސުއޫދެވެ. ސުއޫދު އިސްތިއުފާ ދެއްވި ނަމަވެސް، އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން މިދިޔަ މަހުގެ 14ގައި މަޖިލީހުން ފާސްކުރިއެވެ.
އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް އޭޕްރިލް 17ގައި ނެރުއްވި ބަޔާނުގައި، ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ބެލެވޭ ކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމާ މެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެ ބަޔާނަށް ސަރުކާރުން މިދިޔަ މަހުގެ 31ގައި ފޮނުވި ޖަވާބުގައި، ސެޓާތުވެއިޓްއަށް ލިބިފައިވާ މައުލޫމާތުގައި ހަގީގަތާ ޚިލާފު ވާހަކަތައް ހިމެނޭ ކަމަށް ބުންޏެވެ. ފަނޑިޔާރުން ވަކިކުރީ ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ސަރުކާރުން ތަކުރާރުކުރިއެވެ.
ސަރުކާރުން ބުނި ގޮތުގައި، ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކުރީގެ ސަރުކާރުތަކާ ޚިލާފަށް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް މަސައްކަތެއް ނުކުރެއެވެ. އަދި ފެބްރުއަރީ 26ގެ ފަހުން ވެސް ސުޕްރީމް ކޯޓުން ހަތަރު މައްސަލައެއްގައި ހުކުމް އިއްވައިފައިވާ ކަމަށް ފާހަގަކުރިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ބެލުމަށް ސެޓާތުވެއިޓް ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ދައުވަތު ދީފައިވެއެވެ. ސުޕްރީމް ކޯޓުގެ ހުސްވި ދެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި، ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން މިމަހު ފާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ