ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރުމަށާއި އިސްލާމީ ވަޢުޒުތައް ދެއްވުމުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކުރެއްވި ޝައިޚް އިބްރާހީމް ފަރީދު މިއަދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވެފައިވަނީ މެލޭޝިއާގެ އެއާޕޯޓުގައި ހުންނަވަނިކޮށްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޝައިޚް ފަރީދުގެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސް (ޓްވިޓަރ) މެދުވެރިކޮށް ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، މި ޚަބަރު އެއްސެވުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
އިސްލާމްދީނުގެ ތަޢުލީމު ފެތުރުމަށާއި، މުސްލިމުންނަށް ހެޔޮ ގޮތް އިރުޝާދު ދިނުމުގައި ޝައިޚް ފަރީދު ކުރެއްވި ޚިދުމަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭނާއަކީ އުމުރުފުޅުގެ ގިނަ ވަގުތުތައް ދީނީ ދަޢުވަތުގެ މަސައްކަތުގައި ހޭދަކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ދީނީ އިރުޝާދު ދިނުމުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރުގެ ހަނދާންތައް އަބަދަށް ދެމިއޮންނާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޝައިޚް ފަރީދުގެ ފުރާނަފުޅަށް ސުވަރުގޭ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި، އިސްލާމްދީނަށް ކުރެއްވި ޚިދުމަތްތަކުގެ ހެޔޮ ޖަޒާ ލިބިވަޑައިގަތުމަށާއި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ރައީސް ދުޢާކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސްތައް ދެއްވުމުގައި ޝައިޚް ފަރީދު މަޝްހޫރުވެވަޑައިގެންފައިވެއެވެ. އޭނާގެ ދަރުސްތަކުގައި އާންމުންގެ ބޮޑު އަދަދެއް ބައިވެރިވެ، ދީނީ އިލްމު ހޯދުމަށް ޝައުޤުވެރިވެފައިވެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދީނީ ނަސޭހަތްތަކާއި އިރުޝާދުތައް އާންމުކުރައްވަމުން އޭނާ ގެންދެވިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް އަރަފާ ދުވަހާ ބެހޭ ގޮތުން ވީޑިއޯއެއް އޭނާ އާންމުކުރައްވާފައިވެއެވެ.
ދީނީ ދަޢުވަތުގެ މަސައްކަތުގެ އިތުރުން، ދިވެހިރާއްޖޭގައި ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށް ގެންދެވުނު އިސްލާހީ ހަރަކާތްތަކުގައި ވެސް ޝައިޚް ފަރީދު އަދާކުރެއްވި ދައުރު ފާހަގަކުރެވެއެވެ.
ޝައިޚް ފަރީދުގެ އަވަހާރަވުމުގެ ކުރިން ޞިއްޙީ މައްސަލައެއް ދިމާވެފައިވޭތޯ އަދި ނޫންތޯ މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ