ޖެންޑާ މިނިސްޓްރީން ވިދާޅުވި ގޮތުގައި އަންހެނުންނަށް ވިޔަފާރި ފެށުމަށް ދޫކުރާ ފަށާ މަދަދު ލޯނު ސްކީމްގެ ދެވަނަ ފިޔަވަހި މި އަހަރުގެ ޖޫން 15 ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ. އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކުރުވުމަށް ޚާއްޞަކޮށްފައިވާ މި ސްކީމްގެ ދަށުން ޖުމްލަ 100 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ލޯނު ސްކީމް ތަންފީޒުކުރުމަށް ފަސް މަރުޙަލާއެއް ކަނޑައަޅާފައިވާ ކަމަށާއި، ކޮންމެ މަރުޙަލާއެއްގައި 20 މިލިއަން ރުފިޔާ ބެހިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން މުޅި ލޯނު ސްކީމްގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދެއްވި މައުލޫމާތަށް ބަލާއިރު، ފާއިތުވި އަހަރު މި ސްކީމްގެ ފުރަތަމަ ފިޔަވަހީގައި 60 އަންހެނުންނަށް ލޯނު ދޫކޮށްފައިވެއެވެ.
މި ސްކީމްގެ ދަށުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ނެގިދާނެއެވެ. ލޯނު ނަގާ ފަރާތްތަކަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އަދި ލޯނު އަނބުރާ ދައްކާނީ 7 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އެސްޑީއެފްސީން ބުންޏެވެ.
މި ލޯނު ސްކީމަކީ އަންހެނުންގެ އިޤްތިޞާދީ ފުރުޞަތުތައް އިތުރުކޮށް، އަމިއްލަ ވިޔަފާރި ހިންގުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ތައާރަފު ކުރި މުހިންމު ޕްރޮގްރާމެކެވެ.
ކޮމެންޓު ފޮނުވާ