ވަގަށް އެތެރެކުރި 32 ކާޓޫނު ސިނގިރޭޓް: ހައްޔަރުކުރި ބިދޭސީމީހާ ބުނީ އެހެން މީހަކު ހަވާލުކުރި އެއްޗެއް ކަމަށް

ވަގަށް އެތެރެކުރި 32 ކާޓޫނު ސިނގިރޭޓް: ހައްޔަރުކުރި ބިދޭސީމީހާ ބުނީ އެހެން މީހަކު ހަވާލުކުރި އެއްޗެއް ކަމަށް

Author
ހުސައިން
09 ޖޫން 2025 12:59
0

ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެކުރި 32 ކާޓޫނު ސިނގިރޭޓާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝް މީހާ، އެ ސިނގިރޭޓުތަކަކީ އޭނާއަށް އެހެން މީހަކު ދިން އެއްޗެއް ކަމަށް ބުނެފިއެވެ.

މި މައްސަލައިގައި ފާއިތުވި މަހު ހައްޔަރުކޮށްފައިވާ 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަބްދުލް ކަރީމްއަކީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.

ތިލަފުށި ބޯޓުޔާޑުގައި ހުރި ދޯންޏެއް ފުލުހުން ބަލައި ފާސްކުރިއިރު، މެންޗެސްޓާ ބްރޭންޑުގެ 32 ކާޓޫނު ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި ސިނގިރޭޓުތަކަކީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ތަކެތި ކަމަށް ތުހުމަތުކުރެވެއެވެ.

އަބްދުލް ކަރީމް ފުރަތަމަ ހައްޔަރުކުރުމަށްފަހު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބުނެފައިވަނީ ސިނގިރޭޓުތަކަކީ އޭނާއަށް ފޯނުން ގުޅައިގެން އެހެން މީހަކު ހަވާލުކުރި އެއްޗެއް ކަމަށެވެ.

އެހެންނަމަވެސް، ސިނގިރޭޓުތައް ހަވާލުކުރި މީހާއާ ބެހޭ އެއްވެސް ތަފުސީލެއް އަބްދުލް ކަރީމް ހާމަކޮށްފައިނުވާ ކަމަށް އައިއޯއާ ހަވާލާދީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރާ ކުށް ސާބިތުކުރެވޭ މިންވަރުގެ ހެކިތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް އެނގެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ވޭތުވެދިޔަ ދުވަސްތަކުގައި ސިނގިރޭޓާއި ދުންފަތުގެ އެކިއެކި ބާވަތްތައް ރާއްޖެއަށް ވަގަށް އެތެރެކުރުމުގެ މައްސަލަތައް ވަނީ ފުޅާ ދާއިރާއެއްގައި އިތުރުވަމުންނެވެ. މިދިޔަ އޭޕްރިލް މަހު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި ކަސްޓަމްސްއިން އެ ތަކެތި އަތުލައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.