ތިން ރަން މެޑަލް ހޯދި ލައިބާއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

ތިން ރަން މެޑަލް ހޯދި ލައިބާއަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ

Author
ހުސައިން
09 ޖޫން 2025 09:20
0

އަރްމީނިއާ ޔޫތު އޯޕަން މުބާރާތުގައި ތިން ރަން މެޑަލް ހޯދައި ދިވެހިރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދިން ލައިބާ އަހްމަދު މަހްލޫފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައި މަރުހަބާ ވިދާޅުވެއްޖެއެވެ.

އަރްމީނިއާގެ ޔެރޭވަންގައި ކުރިއަށްދިޔަ ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީތަކުން ރަން މެޑަލް ހޯދުމަށް ލައިބާ ކާމިޔާބުވެފައި ވަނީ ދިވެހި ބެޑްމިންޓަން ތާރީޚުގައި ފުރަތަމަ ފަހަރަށެވެ.

މި ފަޚުރުވެރި ކާމިޔާބީއާ ގުޅިގެން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވަމުން ރައީސް މުއިއްޒު ފާހަގަކުރެއްވީ ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ހާސިލުކުރި މި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު އުފާވެރި ޝަރަފެއް ކަމަށެވެ. އަދި ކުޅިވަރުގެ ދާއިރާގައި މުސްތަގުބަލެއް ބިނާކުރަން އެދޭ ހުރިހާ ޒުވާނުންނަށް މިއީ ހިތްވަރާއި އުންމީދު ލިބޭނެ ނަމޫނާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި އިހްސާސްތެރި މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަމުން ލައިބާގެ ބައްޕަ އަދި ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ މިފަދަ ކާމިޔާބީތައް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޚާއްސަގޮތެއްގައި ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ލައިބާ ހިމަނުއްވައިދެއްވި ކަމަށްޓަކައި ރައީސް މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް ޚާއްސަ ޝުކުރެއް އަދާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ސްޓޭޖުގައި ލައިބާ ރަން މެޑަލް ހޯދީ މިއީ ފުރަތަމަ ފަހަރު ކަމަށްވިޔަސް، މި އަހަރުގެ ތެރޭގައި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގެ އެކި މުބާރާތްތަކުން ރިހި އަދި ބްރޯންޒް މެޑަލްތައްވެސް އޭނާ ވަނީ ހޯދައިފައެވެ. މިގޮތުން ދިވެހި ބެޑްމިންޓަންގެ އަލިކަން ބައިނަލްއަގްވާމީ މައިދާނުގައި ފެތުރުމުގައި ލައިބާ އަދާކުރަމުންދާ ދައުރު ވަނީ ގައުމީ ފެންވަރުގައި ފާހަގަކުރެވި، އޭނާގެ މުސްތަގުބަލަށް ބޮޑު އުންމީދުތަކެއް ކުރެވެމުން ދާކަން ފެންނަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.