މެލޭޝިއާގައި ޔުނިވާސިޓީ ދަރިވަރުންގެ ބަސް އެކްސިޑެންޓުގައި 15 ދަރިވަރުން މަރުވެއްޖެ

މެލޭޝިއާގައި ޔުނިވާސިޓީ ދަރިވަރުންގެ ބަސް އެކްސިޑެންޓުގައި 15 ދަރިވަރުން މަރުވެއްޖެ

Author
ހުސައިން
09 ޖޫން 2025 08:43
0

މެލޭޝިއާގެ ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް (ޔޫޕީއެސްއައި) ގެ ދަރިވަރުން ދަތުރުކުރި ބަހާއި މަލްޓި ޕާޕަސް ވެހިކަލް (އެމްޕީވީ) އެއް ޖެހި ހިނގި ބޮޑު އެކްސިޑެންޓެއްގައި 15 ދަރިވަރުން މަރުވެއްޖެ އެވެ. މި ހިތާމަވެރި ހާދިސާ ހިނގީ މެލޭޝިއާ ގަޑިން ރޭ ދަންވަރު 1:00 ގައި ޖެރިކް-ޖެލި ހައިވޭގެ ތަސިކް ބޭންޑިން ކައިރީގައެވެ.

ޕެރާކް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީ (ޖޭޕީބީއެން) ގެ ސެކްރެޓޭރިއަޓުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ހާދިސާ ހިނގި ބަހުގައި ޖުމުލަ 48 ދަރިވަރުން ދަތުރުކުރަމުން ދިޔަ އެވެ. އެމަޖެންސީ ޚިދުމަތްތަކަށް މި ހާދިސާގެ ޚަބަރު ލިބުނީ ރޭ ދަންވަރު 1:10 ހާއިރު، ޒަޚަމްވި މީހުން ގެރިކް ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ހާދިސާ ހިނގި ތަނުގައި 13 ދަރިވަރުން ވަގުތުން މަރުވި ކަމަށާއި، އިތުރު ދެ ދަރިވަރުން ލިބުނު ބޮޑު ޒަޚަމްތަކުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވި ކަމަށް އިދާރީ ފަރާތްތަކުން ބުނެފައިވެ އެވެ. މީގެ އިތުރުން ޒަޚަމްވި 7 ދަރިވަރުން ވަރަށް ނާޒުކު ހާލަތުގައި (ރެޑް ޒޯން) ތިބި ކަމަށާއި، 20 ދަރިވަރުން ސެމީ ކްރިޓިކަލް ހާލަތުގައި (ޔެލޯ ޒޯން) އަދި 16 ދަރިވަރުން ކުޑަ ޒަޚަމްތަކާއެކު (ގްރީން ޒޯން) ގެރިކް ހޮސްޕިޓަލުގައި ފަރުވާ ލިބެމުންދާ ކަމަށް ޖޭޕީބީއެން ގެ ބަޔާނުގައި ވެއެވެ.

ލިބުނު ފުރަތަމަ މައުލޫމާތުތަކުގައިވާ ގޮތުން، އެކްސިޑެންޓުގައި ޒަޚަމްވި ބައެއް ދަރިވަރުން އަމިއްލައަށް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ އަންހެން ދަރިވަރުން ހިމެނޭ ކަމަށާއި، އެ ދެ ދަރިވަރުން ހޮސްޕިޓަލަށް ދިޔައީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ޔުނިވާސިޓީ ޕެންޑިޑިކަން ސުލްތާން އިދްރީސް އިން މި ހާދިސާއާ ގުޅިގެން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، ޒަޚަމްވި ދަރިވަރުންނާއި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޔުނިވާސިޓީން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.