އީދުގައި ސަގާފީ ކުޅިވަރު ކުޅެވިދާނެ، ނަމަވެސް މުންކަރާތްތަކާއި ބަދުއަޚުލާގީ ކަންކަމުން ދުރުހެލިވާން ޖެހޭނެ: ޝަހީމް

އީދުގައި ސަގާފީ ކުޅިވަރު ކުޅެވިދާނެ، ނަމަވެސް މުންކަރާތްތަކާއި ބަދުއަޚުލާގީ ކަންކަމުން ދުރުހެލިވާން ޖެހޭނެ: ޝަހީމް

Author
ހުސައިން
08 ޖޫން 2025 07:09
0

އަޟްހާ އީދުގެ ބަންދު ދުވަސްތަކުގައި ސަގާފީ ކުޅިވަރުތައް ކުޅުމުގައި މައްސަލައެއް ނެތް ކަމަށާއި، އެކަމަކު އެފަދަ ހަރަކާތްތަކުގެ ނަމުގައި ހިންގާ މުންކަރާތްތަކާއި ބަދުއަޚުލާގީ ކަންތައްތަކުން މުސްލިމުން ދުރުހެލިވާން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ފާހަގަކުރަމުން އަންނަ އަޟްހާ އީދުގެ ބަންދު ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ސަގާފީ ކުޅިވަރުތަކާއި ހަރަކާތްތައް ކުރިޔަށްދާ ކަމަށް ފާހަގަކުރެވެއެވެ. އެހެންނަމަވެސް ބައެއް ހަރަކާތްތަކުގައި އިޖުތިމާއީ މިންގަނޑާ ޚިލާފު ކަންތައްތައް ހިމެނޭކަން ފާހަގަވެ، ސޯޝަލް މީޑިއާގައި އާންމުންގެ ކަންބޮޑުވުން ފާޅުކުރަމުން ދާކަން ފެނިގެން ދެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ފާހަގަކުރެއްވީ، އަޟްހާ އީދަކީ އިސްލާމް އުންމަތަށް ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވި އެންމެ މުހިންމު ޝިއާރުތަކުގެ ތެރެއިން ޝިއާރެއް ކަމަށެވެ. މި އީދަކީ އިސްލާމްދީނުގެ އެންމެ މުހިންމު އަޅުކަމެއް ކަމުގައިވާ ހައްޖާ ގުޅިފައިވާ އީދެއް ކަމަށާއި، އެހެންކަމުން މި އީދުގައި ﷲ ގެ ކިބަފުޅު މަތިވެރިކުރުން އެންމެ އިސްކުރަންޖެހޭ ކަމެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އީދު ފާހަގަކުރުމުގައި ސަގާފީ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމުގައި ޝަރުޢީ ގޮތުން މައްސަލައެއް ނެތް ނަމަވެސް، އެ ހަރަކާތްތަކުގައި އިޖުތިމާއީ އަދަބުތަކާ ޚިލާފު ކަންތައްތައް ހިމަނައިގެން ނުވާނެ ކަމަށެވެ.

އީދުގެ ބަންދު ދުވަސްތައް ފެށުމުގެ ކުރިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ލޯކަލް ގަވަނަންސް މިނިސްޓްރީން ވެސް ވަނީ ކައުންސިލްތަކަށާއި އާންމުންނަށް، އީދުގެ ހަރަކާތްތައް ރާވައި ހިންގުމުގައި އިޖުތިމާއީ އަދަބުތަކާއި ޤައުމީ ސަގާފަތަށް ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އަޟްހާ އީދުގެ ބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ އަންގާރަ ދުވަހު ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އިޢުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.