މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާތީ މާދަމާއިން ފެށިގެން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެދާނެކަމަށް އިންޒާރުދީފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ މާދަމާއިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުތަކުގައި އާންމުކޮށް ވައި ގަދަވެ، ކަނޑު ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ކޮޅިގަނޑުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދަށް ވައި ގަދަވާނެކަމަށް އަންދާޒާ ކުރެވޭކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވާއިރު، މި ސަރަހައްދުތަކުގެ ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށްވެސް މި އިންޒާރު ދީފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މިއަދުން ފެށިގެން ދެމިގެންދާ މި މޫސުމަކީ ހުޅަނގު މޫސުމުގެ ފަސްވަނަ ނަކަތް ކަމަށްވާ މިޔަހެލި ނަކަތް ކަމަށްވާއިރު، މި ނަކަތް ދެމިގެންދާނީ މިމަހުގެ 16 ވަނަ ދުވަހުން 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. މި މުއްދަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 11 ނޯޓިކަލް މޭލުގައި ކަމަށާއި، މިއީ މަސްވެރިކަމަށް ދަތި ނަކަތެއް ކަމަށްވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.
މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު ގަދަވަޔާއި ބޯކޮށް ވެހޭ ވާރޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިން ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ