މެނިންގޯކޮކަލް ބަލީގެ ކޭސެއް ފެނިފި؛ ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް

މެނިންގޯކޮކަލް ބަލީގެ ކޭސެއް ފެނިފި؛ ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް

Author
ހުސައިން
08 ޖޫން 2025 12:01
0

ރާއްޖޭގައި އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސެއް ފެނިފައިވާތީ، ބަލި ޖެހުނު ފަރާތާ ގުޅުން ހުރި މީހުން ހޯދައި، ބަލިން ރައްކާތެރިކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި، މި ކޭސާ ގުޅިގެން ބަލި ޖެހުނު ފަރާތާ ގާތުން އުޅުނު މީހުން ދެނެގަނެ، އެފަރާތްތަކުގެ ތެރެއިން ބަލި ޖެހުމުގެ ރިސްކު ބޮޑު މީހުންނަށް ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ ޕްރޮފައިލެކްޓިކް ބޭސް ދޭނެއެވެ. މީގެ އިތުރުން ބަލި ފެތުރުން ހުއްޓުވުމަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅަމުން ގެންދާކަމަށް އެ އިދާރާއިން ބުންޏެވެ.

ބެކްޓީރިއާއަކުން ޖެހޭ މި ނުރައްކާތެރި ބަލި، ރާއްޖޭގައި ފެންނަނީ ވަރަށް މަދުންނެވެ. އެޗްޕީއޭ އިން ދިން މަޢުލޫމާތުގައި ވާގޮތުން، މިފަދަ މަދު ކޭސްތަކުގެ ތެރެއިން ގިނަ ފަހަރަށް ފެންނަނީ ރާއްޖެއިން ބޭރުން ބަލި ޖެހިގެން އަންނަ ފަރާތްތަކެވެ.

މެނިންގޯކޮކަލް ބަލީގެ އާންމު އަލާމާތްތަކުގެ ގޮތުގައި ހުން އައުމާއި، ހަމުގައި ރަތްކުލައިގެ ކުދިކުދި ބިހިތައް ނެގުމާއި، ބޮލުގައި ތަދު ރިއްސުން ހިމެނެއެވެ. ބަލި ގޯސްވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހިދާނެއެވެ. އަދި އިންފެކްޝަން މުޅި ހަށިގަނޑަށް ފެތުރި ސެޕްސިސް ވެސް ވެދާނެއެވެ.

މި ބައްޔަކީ ނޭވާލާ ނިޒާމު މެދުވެރިކޮށް ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހަކާ ދިގު ވަގުތަކަށް ވަރަށް ގާތުން އުޅޭ މީހުންނަށް، ޚާއްސަކޮށް އެއް ގޭގައި ދިރިއުޅޭ މީހުންނާއި، އެއް ކޮޓަރިއެއްގައި މަޑުކުރާ މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު އޮތީ އިތުރަށެވެ. ބަލި ޖެހުމަށްފަހު އަލާމާތްތައް ފެނިގެން އަންނަނީ އާންމުކޮށް 1 ދުވަހުން 10 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.