ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ވަނީ އާންމުކޮށްފައެވެ. މި ކޭސް ފެނުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެކަށީގެންވާ ފިޔަވަޅުތައް އަޅަން ފަށާފައެވެ.
އެޗް.ޕީ.އޭ އިން ބުނި ގޮތުގައި، މިހާރު ދަނީ ބަލިމީހާއާ ގުޅުން ހުރި ފަރާތްތައް ދެނެގަނެ، ކޮންޓެކްޓް ޓްރޭސިންގް ހަދަމުންނެވެ. މީގެ އިތުރުން ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްޓަކައި ޕްރޮފައިލެކްޓިކް ބޭސް ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެއެވެ. އަދި ބަލި އިތުރަށް ނުފެތުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް އެ އިދާރާއިން ބުންޏެވެ.
ބެކްޓީރިއާއަކުން ޖެހޭ މި ސީރިއަސް ބައްޔަކީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ޚާއްސަކޮށް ބަލިޖެހިފައިވާ މީހާއާ ގާތްކޮށް ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެއެވެ.
މި ބަލީގެ ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ބޮލުގައި ބާރަށް ރިއްސުން ހިމެނެއެވެ. ބަލި ބޮޑުވަރުވެއްޖެނަމަ ސިކުނޑިއަށް އަސަރުކޮށް މެނިންޖައިޓިސް ޖެހުމާއި، މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރި ސެޕްސިސް ޖެހުން އެކަށީގެންވެއެވެ. އާންމުގޮތެއްގައި ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި މި އަލާމާތްތައް ފެންނަން ފަށާކަމަށް ޑޮކްޓަރުން ބުނެއެވެ.
ރާއްޖޭގައި މިފަދަ ކޭސްތައް ފެނުމަކީ ވަރަށް މަދު ކަމެކެވެ. މިހާތަނަށް ފެނިފައިވާ މަދު ކޭސްތަކަކީ އާންމުކޮށް ރާއްޖެއިން ބޭރުން އިންފެކްޝަން ޖެހިގެން އައި ފަރާތްތައްކަމަށް ރިޕޯޓްތަކުން ދައްކައެވެ.
އެޗް.ޕީ.އޭ އިން އިލްތިމާސް ކުރަނީ މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދައްކައި، ކަމާބެހޭ ފަރާތްތަކާ ގުޅުމަށެވެ. އަދި ބަލި ނުފެތުރުމަށްޓަކައި ސާފުތާހިރުކަން ބެލެހެއްޓުމާއި، ކެއްސުމާއި ކިހުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ