އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މަރުވެފައިވާ މީހަކު ގެންދިޔަ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު 6 ޖެހިއިރު ބައެއް މީހުން އެ ފަރާތް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ޑޮކްޓަރުން ބެލިބެލުމުން އޭނާ މަރުވެފައިވާކަން އެނގުނެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 8:30 ގައެވެ.
މި ވަގުތު ފުލުހުން މައްސަލައިގެ ތަފުސީލުތައް ހޯދަމުންދާއިރު، މަރުވި ފަރާތަކީ ކާކުކަމާއި، މަރުގެ ސަބަބު ފަދަ ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ފަރާތް ހޮސްޕިޓަލަށް ގެންދިޔަ މީހުންނާ ގުޅޭ މަޢުލޫމާތު ވެސް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ވަގުތު މައްސަލައިގެ އެންމެހައި ކަންކަން ބަލައި، ތަހުގީގު ކުރިއަށް ގެންދަމުންދާއިރު، އިތުރު މަޢުލޫމާތު ލިބޭ ގޮތުން ހާމަކުރަމުން ގެންދާނެއެވެ.
ކޮމެންޓު ފޮނުވާ