ރާއްޖޭގެ ރަށްރަށުގައި ފާހަގަކުރާ ބޮޑު އީދުގެ ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް ފިލްމަށް ނެގުމަށް ބޮލީވުޑްގެ ނަން ހޯދާފައިވާ ޑައިރެކްޓަރު ފަރާ ހާން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. މިމަހުގެ 5 ވަނަ ދުވަހު ރާއްޖެ އައި ފަރާ ހާން، އިއްޔެ ވަނީ މާފުށީގައި އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަރާ ހާން އައިރު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ އެމްއެމްޕީއާރުސީގެ ފަރާތުން މަރުހަބާ ކިޔާފައިވެއެވެ. އެއާޕޯޓުގައި ހުންނަ ދިވެހިރާއްޖޭގެ މޮނިއުމެންޓް ކައިރީގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީއާ ބައްދަލުކޮށް ވާހަކަ ދެއްކެވިއެވެ.
އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، ފަރާ ހާންގެ މި ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ތަޢާރަފްކުރުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮޖެކްޓެއްގެ ބައެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ބާއްވާ އީދު ކުޅިވަރުތަކާއި ދިވެހި ސަގާފަތުގެ މުހިންމު ކަންކަން ފިލްމަށް ނަގައި، ބައިނަލްއަގްވާމީ ފެންވަރުގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
މާފުށީގެ އެރީނާ ހޯޓެލްސްގެ ދައުވަތަކަށް މާފުށަށް ދިޔަ ފަރާ ހާނަށް އެރަށުގެ ރައްޔިތުން ވަނީ ދިވެހި ސަގާފަތުގެ އެންމެ ޚާއްސަ އެއް ހަރަކާތްކަމަށްވާ ބޮޑުބެރުގެ ލަވަތަކުން މަރުހަބާ ކިޔާފައެވެ. މި ސަގާފީ ޕަރފޯމަންސްއަށް ފަރާ ހާން ވަނީ ވަރަށް ބޮޑަށް އުފާ ފާޅުކޮށް، ބޮޑުބެރު ޖަހާ ފަރާތްތަކާ ގުޅިގެން ނަށާފައެވެ.
ދިވެހި ކާނާގެ ތަފާތު ބާވަތްތައް ފަރާ ހާނަށް ދީ، ދިވެހި ކެއުމުގެ ހާއްސަ ރަހަ ތަޢާރަފްކޮށްދީފައިވެއެވެ. އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ދިވެހި ރަތްލިބާހާއިދިވެހި ކާނާގެ ފޮޓޯތައް ހިއްސާކޮށް، އުފާ ފާޅުކޮށްފައިވެއެވެ. އަދި މާފުށީގައި ތިބި އޭނާގެ ކުރޫއާއެކު ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.
ފަރާ ހާން ރާއްޖޭގައި ހޭދަކުރާނީ 8 ވަނަ ދުވަހާ ހަމައަށް ކަމަށް އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ. މި މުއްދަތުގައި އިތުރު ރަށްރަށަށް ޒިޔާރަތްކޮށް، އީދު ކުޅިވަރުތަކާއި ދިވެހި ސަގާފީ ހަރަކާތްތައް ފިލްމަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.